ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން، އަނބުރާ ގައުމަށް ގެންދިއުމަށް ޗާޓަރު ފުލައިޓުތައް ޝެޑިއުލުކޮށްފިއެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން ގެންދިއުމަށް ޗައިނާގެ ސަރުކާރުން ފޮނުވާ ފުލައިޓުތަކަކީ ޗައިނާ ސަދަން އެއާލައިނުގެ ފުލައިޓުތަކެކެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ތިބި ފަތުރުވެރިން ގެންދިއުމަށް ޗާޓަރު ފުލައިޓުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
ޗައިނާ އިން ފެތުރެން ފެށި ކޮރޯނާވައިރަސްއާ ގުޅިގެން ދިވެހި ސަރުކާރުން އިއްޔެ ވަނީ ސީދާ ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފައެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.