ޚަބަރު

ކަރަންޓީނުގެ އުސޫލަކީ ގަޟާ ގަދަރަށް އީމާންވުމާ ފުށުއަރާ ކަމެއް ނޫން: ހުތުބާ

އަހުމަދު ވަޖީފު

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތާ ހިލާފަށް ކަރަންޓީނުގެ އުސޫލަކީ ގަޟާ ގަދަރަށް އީމާންވުމާ ފުށުއަރާ ކަމެއް ނޫން ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ގަޟާ ގަދަރަށް ފުރިހަމައަށް އީމާންވެ، ހައްގު ގޮތުގައި ﷲއަށް ވަކީލުކުރާ ނަމަ، އަސްބާބުތަކުގައި ހިފަން ޖެހޭ ކަމަށާއި ކަރަންޓީނުގެ އުސޫލަކީ ﷲއަށް ވަކީލުކުރުމާ ފުށުއަރާ ކަމެއް ނޫން ކަމަށެވެ.

"ވާން ހުރި އެއްޗެއް ވާނެ ނޫންހޭ ބުނެ ސަބަބުތަކުގައި ނުހިފާ ދޫކޮށްލުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެކެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތާ ހިލާފަށް ކަރަންޓީނުގެ އުސޫލަކީ ގަޟާ ގަދަރަށް އީމާންވުމާ ފުށުއަރާ ކަމެއް ނޫނެވެ. އަދި ﷲއަށް ވަކީލުކުރުމާ ފުށުއަރާ ކަމެއް ވެސް ނުމެނޫން މެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ރާއްޖެއިން އެއްކޮށް ނެތިފައިވާ ހިމަބިހި ފެނިފައިވާ ކަމަށް ކަމާބެހޭ މުއައްސަސާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށާއި އެފަދަ ނުރައްކާތެރި ވަބާތަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އަދި ބަލިވެއްޖެ ނަމަ ބޭސްފަރުވާކުރުމަށް އިސްލާމުދީނުގައި އަންގަވާފައިވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

"ސާފުތާހިރުކަމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭން ޖެހެއެވެ. އެގޮތުން ކެއުމުގެ ކުރީން އަތް ދޮވުމާއި، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތީގައި އަތްއެޅުން ފަދަ އިސްލާމީ އަދި ސިއްހީ އަދަބުތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އަދި މަގުމައްޗަށް ކުޅުޖެހުމާއި އަރިދަފުސް ފޮޅުން ފަދަ ހުތުރު އާދަތަކުން އެއްކިބާ ވާން ޖެހޭނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

މައިކްރޯ ވައިރަހެއްގެ ނުރައްކާތެރިކަން މީހާއަށް ބޮޑުވުމުން އެކަން ދިރިތިބި މީހުންނަށް އިބުރަތަކަށް ނޫވޭތޯ ސުވާލު އުފައްދަމުން ހުތުބާގައި ބުނެފައިވަނީ އިންސާނާ ދުނިޔެމަތީ އަނިޔާވެރިވެ ޖައްބާރުކަންމަތީ އުޅުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށާއި އެފަދަ ކަންކަމާ މެދު ވިސްނާ ފިކުރުމާއި އެކަމުން އިބުރަތް ހާސިލުކޮށް ހައްގުގެ މަގަށް ރުޖޫއަވުން ނޫން ގޮތެއް އިންސާނާއަށް ނެތް ކަމަށެވެ.