ޚަބަރު

މިއަދު އެމްޑީޕީގެ އެތައް ހާސް މެމްބަރުން ނުކުމެ ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ދައްކުވައިދޭނެ: ނަޝީދު

1

މިއަދަކީ އެމްޑީޕީގެ އެތައް ހާސް މެމްބަރުން ނުކުމެ ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ދައްކުވައިދޭނެ ދުވަހެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީ މިއަދު މެންދުރުފަހު 2:30ގައި ފެށުމަށް ހަމަޖައްސާފައިވެއެވެ. ވޯޓުލުން މިރޭ 7:30އާ ހަމައަށް ކުރިއަށްދާނެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ ރާއްޖޭގައި އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތް ހިންގާނެ ދުވަސް ކަމަށާއި މިއަދަކީ އެމްޑީޕީގެ އެތައް ހާސް މެމްބަރުން ނުކުމެ ވޯޓުދީ، ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ދައްކުވާނެ ދުވަހެއް ކަމަށެވެ.

"މިއަދަކީ ރާއްޖޭގައި އެންމެ ބޮޑު އެއް ސިޔާސީ ހަރަކާތް ހިންގާނެ ދުވަސް. ލޯކަލް ކައުންސިލުގެ އެމްޑީޕީ ޕްރައިމަރީ އިންތިހާބުގެ ދުވަސް. 909 ބައިވެރިވެ، 169 ވޯޓު ފޮށި ބެހެއްޓި، އެމްޑީޕީގެ އެތައް ހާސް މެންބަރުން ނުކުމެ ވޯޓު ދެއްވައި ޑިމޮކްރަސީގެ ރިވެތި އުސޫލުތައް ދުއްކުވައިދެއްވާނެ ދުވަހެއް." ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރެއްގައި ބާއްވަން ހަމަޖައްސާފައިވާ ކައުންސިލް ތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކަށް ވާދަކުރުމަށް ޕްރައިމަރީއަކާ ނުލައި 390 ފަރާތަކަށް ޓިކެޓް ހަވާލު ކޮށްފައިވާ ކަމަށް މީގެ ކުރިން އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމަށް ހަތް ބޭފުޅަކު ވާދަކުރައްވައެވެ. އެއީ މިހާރު ވެސް މާލެ ސިޓީގެ ކައުންސިލަރުކަން ކުރައްވާ އަހުމަދު ނިޔާޒާއި މާލެ ސިޓީގެ ފުރަތަމަ މޭޔަރު އާދަމް މަނިކާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ޝަމާއު ޝަރީފާއި އިބްރާހިމް ރަޝީދު މޫސާ އަދި އަބްދުﷲ ސައީދެވެ.

އައްޑޫ ސިޓީ މޭޔަރު ކަމަށް ތިން ބޭފުޅަކު ވާދަކުރައްވައެވެ. އެއީ އަހުމަދު އަދުހަމާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރުގެ އިތުރުން މިހާރު މޭޔަރަކަށް ހުންނެވި އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ފުވައްމުލަކު ސިޓީ މޭޔަރު ކަމަށް ވާދަކުރައްވަނީ ހަތަރު ބޭފުޅެކެވެ. އެއީ މުހައްމަދު ނިޒާމް ހަސަނާއި މިހާރު މޭޔަރަކަށް ހުންނެވި އަބްދުﷲ ފަލާހު ޝަރީފާއި އިސްމާއިލް ރަފީގު އަދި އަހުމަދު މުހައްމަދެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ދެ ބޭފުޅުން ކުރިމަތިލެއްވި ނަމަވެސް، ދާދި ފަހުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރެއްވި އަހުމަދު އާތިފު ނަން ނެންގެވުމުން މޭޔަރުކަމަށް ދެން ކުރިމަތިލައްވާފައިވާ މުހައްމަދު އާތިފަށް ވަނީ ޓިކެޓު ކަށަވަރުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟