އިނގިރޭސިވިލާތް

ޕްރިންސް ހެރީގެ ދެކަނބަލުން ކެނެޑާގައި، ފުރަތަމަ މަސައްކަތަކަށް ނަފްސާނީ ދުޅަހެޔޮކަން

މިންހާ ފާއިޒް ރަޝާދު

ޕްރިންސް ހެރީ އާއި އަބިކަނބަލުން މޭގަން މާކަލް ޝާހީ ދިރިއުޅުއްވުމަށް އަލްވަދާއުކިޔުއްވާފައިވީ ނަމަވެސް ދެބޭފުޅުންވެސް ޗެރިޓަބަލް މަސައްކަތް ދޫކޮށެއް ނުލައްވައެވެ.

މިވަގުތު ދިރިއުޅުއްވުން ކެނެޑާގައި ހޭދަކުރައްވަމުން ގެންދަވާއިރު ހެރީ އާއި މޭގަން ވަނީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މަސައްކަތެއްގައި އެހީވެ އެމަސައްކަތަށް އެއްބާރުލުން ދެއްވަން ނިންމައި، އެކަން އިންސްޓަގްރާމުގައި ހިއްސާކުރައްވައިފައެވެ.

ހެރީގެ ދެކަނބަލުން ޕްރޮމޯޓް ކުރައްވަނީ ކެނެޑާގައި ކުރިއަށްގެންދާ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރާ ޕްރޮގްރާމެއް ކަމަށްވާ "ބެލް ލެޓްސް ޓޯކް" އެވެ.

އިންސްޓަގްރާމު ސްޓޯރީގައި މި އިނިޓިއޭޓިވްއާ ގުޅޭ ގިނަ ފޮޓޯތަކެއް ހިއްސާކުރައްވަމުން ދެބޭފުޅުންގެ ފަރާތުން ލިޔުއްވާފައިވަނީ ބެލްގެ މެންޓަލް ހެލްތު ކެމްޕެއިނަށް އެހީވެ ސަޕޯޓު ކުރުމަށް ފުރުސަތު ލިބިވަޑައިގެންނެވުމުން އެކަމާ އުފާކުރައްވާ ކަމަށެވެ.

"ބެލް ލެޓްސް ޓޯކްގެ އޮފިޝަލް ވީޑިއޯ އިންސްޓަގްރާމުން ބަލައިލާ ކޮންމެ ފަހަރަކު ބެލްގެ ފަރާތުން ކެނެޑާގެ މެންޓަލް ހެލްތު އިނިޓިއޭޓިވް ތަކަށް ފަސް ސެންޓް ހަދިޔާ ކުރާނެ. އެހެންކަމުން ވީޑިއޯ ޝެއާ ކުރައްވައި، މިކަމާ ގުޅޭ ގޮތުން ގިނައިން ވާހަކަދައްކަވާ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދެއްވާ،" ކެނެޑިއަން ދިދައެއްގެ އިމޯޖީއާއެކު ހެރީގެ ދެކަނބަލުން ކުރެއްވި ޕޯސްޓުގައި ވެއެވެ.

މިމަސައްކަތް ފެށިފައިވަނީ މިމަހު ކުރީކޮޅު ކެނެޑާގެ އަންހެނުންގެ ސެންޓަރަކަށް މޭގަން ކުރެއްވި ޒިޔާރަތަށް ފަހުއެވެ. އެ ޒިޔާރަތުގައި އެ ސެންޓަރުގައި ތިއްބެވި އަންހެން ބޭފުޅުންނާއެކު މޭގަން ވަގުތު ހޭދަކުރައްވައި މުޖުތަމައުއަށް ފައިދާވާ ގޮތަށް އެފަރާތްތަކުން ކުރާ ކަންތައްތަކުގެ މައްޗަށް ވަނީ މަޝްވަރާކޮށް ހިޔާލު ހޯއްދަވައިފައެވެ.

ޕްރިންސް ހެރީ އާއި މޭގަން ޝާހީ އާއިލާއިން ވަކިވުމަށްފަހު އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރަނީ ކޮން މަސައްކަތެއްތޯ ބެލުމަށް މުޅި ދުނިޔެހެން ބަލަން ތިބި އިރު، ފައިނޭންޝިއަލީ އިންޑިޕެންޓެންޓް ވުމަށް އަދި މާބޮޑު ކަމެއް ކުރައްވައިފައެއް ނުވެއެވެ.