ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ބިރުދެއްކި މައްސަލައިގެ ތަހުގީގަށް މައުލުމާތު ދިނުމަށް އޭނާ އުޒުރުވެރިވާތީ އެ ތަހުގީގަށް މާބޮޑު ކުރިއެރުމެއް ނުލިބޭކަމަށް ފުލުހުން ބުނެފިއެވެ.
މަގުމަތީގައި ހުއްޓައި ބަޔަކު ހިޝާނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އެ މުއައްސަސާ އިން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ ހިޝާނަށް ބިރު ދެއްކި މައްސަލައާ ގުޅިގެން އޭނާއަށް ބިރު ދެއްކި މީހުން ހޯދުމަށް ކަން ހިނގި ތަނާއި މަގު އަދި ބިރުދެއްކި ފަރާތް ފަހަގައިވޭތޯ ސާފުކުރުމަށް ތަކުރާރުކޮށް މައްސަލަ ހުށަހެޅި ފަރާތަށް ގުޅައިގެން ކުރި މަސައްކަތުން ވެސް އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާތީ އާއި ބައްދަލުކުރުމަށް ވެސް އުޒުރުވެރިވަމުންދާތީ އެ މައްސަލައިގައި މާބޮޑު ކުރިއެރުމެއް ލިބިފައިވާ ނުވާ ކަމަށެވެ.
ހިޝާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަހުގީގު ހިންގާ ފަރާތުންނާއި ވިކްޓިމް ސަޕޯޓުން ހިޝާންއާ ބައްދަލުކުރުމަށް އޭނާ ދިރިއުޅޭ ތަނަކަށް ދިއުމަށް މިވަގުތު އޭނާ އުޒުރުވެރިވާތީ އެ މައްސަލައިގެ ތަހުގީގުކުރުމަށް ހުރަސްއެޅިފައިވާ ކަމަށާއި ސީސީޓީވީ ފުޓޭޖް ހޯދުމަށް ހިޝާނަށް ބިރު ދެއްކި ތަނާއި ބިރު ދެއްކި މީހާގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާތީ އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ހިޝާންއަށް ބިރުދެއްކި މައްސަލައާ ގުޅޭގޮތުން އޭނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 18 އަަހަރުވަންދެން ނިކަމެތިންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނުކުމެ ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށާއި އެވަރުން ފުދޭ ކަމަށެވެ. އެެހެންކަމުން ދެން ބޭނުންވަނީ ގައުމު ދޫކޮށް ދާން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިޝާންއަކީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް އެކަން ކަމާގުޅޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރައްވާ ފަރާތެކެވެ. އޭނާ އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ނިކަމެތިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ވެސް ފޯރުކޮށްދެއްވަމުންނެވެ.