ޚަބަރު

ވެލާނާ އެއާޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް

އަހުމަދު ވަޖީފު

ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް ގާއިމުކޮށްފިއެވެ.

ޓޫރިޒަމް މިނސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މިނިސްޓްރީގެ ހެލްޕް ޑެސްކުގެ ހިދުމަތް މިރޭ 7:00 އިން ފެށިގެން ލިބިގެންދާނެ ކަމަށާއި ކޮރޯނާ ވައިރަސްގެ ސަަބަބުން ދިމާވެފައިވާ ހާލަތު ބަދަލުވަންދެން ހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ފަތުރުވެރިކަމަށް އަންނަ ހާލަތު ބަލައި ދިރާސާކުރުމަށްފަހު ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް ކޮރޯނާ ވައިރަސްއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުމުންދާ ކަމަށާއި އެގޮތުން "ސިޗުއޭޝަން މޮނިޓަރިން ޔުނިޓް"އެއް ގާއިމުކޮށް ގަވައިދުން ޓޫރިޒަމް ސިނާއަތުގެ މަސްލަހަތު ވެރިންނާއެކު ދުރާލާ ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މިކަމާ ގުޅޭގޮތުން ފަތުރުވެރިންނާއި އޮޕަރޭޓަރުން އެހިތެރިކަމަށް ބޭނުންވާ ނަމަ އެ މިނިސްޓްރީގެ ސިޗުއޭޝަން މޮނިޓަރިން ޔުނިޓުގެ ހޮޓްލައިން ނަމްބަރު 7223131 އަދި ހެލްޕް ޑެސްކް ނަމްބަރު 9423131 އަށް ގުޅުމަށް މިނިސްޓްރީން އެދެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން ޗައިނާއަށް ކުރާ ޑައިރެކްޓް ފްލައިޓް ހުއްޓާލުމަށް ސަރުކާރުން މިއަދު ވަނީ ނިންމައިފައެވެ.