އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ އެޕާޓީގެ މެންބަރުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތު އެޕާޓީން އިތުރުކޮށްފިއެވެ.
އެމްޑީޕީން މިއަދު ބުނީ، އެގޮތަށް ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
އެގޮތުން އެ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހުގެރޭ 10:00 އަށް ވަނީ އިތުރުކޮށްފައެވެ. އަދި ޖެހިގެން އަންނަ ދުވަހު ޕްރައިމަރީގައި ވާދަކުރާނެ މެމްބަރުންގެ ލިސްޓު ހާމަކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އެމްޑީޕީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ހަތް ވަނަ ދުވަހުއެވެ.
އެމްޑިޕީން ބުނީ ޕްރައިމަރީގައި ވާދަކުރުމަށް އެދޭ ފޯމް އެޕާޓީ އޮފީހުގެ ސެކްރެޓޭރިއެޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv ލިބޭނެ ކަމަށެވެ. އަދި ފޯމު ހުށަހަޅާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތު އިތުރުކުރި ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ މާދަމާ އޮންނާނެއެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ އަންނަ މާދަމާގެ 2:30 އިން 7:30 އަށެވެ.