ޚަބަރު

މާސްކް އަޅަން ޖެހޭ ހާލަތަކަށް ގޮސްފި ނަމަ ސަރުކާރުން އެކަން އިއުލާނު ކުރާނެ: މިނިސްޓަރު އަމީން

މަރިޔަމް ޝަހުދާ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގައިވެސް މާސްކު އަޅައިގެން އުޅެން ޖެހޭ ހާލަތަކަށް ގޮސްފި ނަމަ، ސަރުކާރުން އެކަން އިއުލާނު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ހުރިހާ ރައްޔިތުން މާސްކު އަޅަން ޖެހޭ ހާލަތަކަށް ދާ ހިސާބުން ސަރުކާރުން އެކަން އަންގައި އިއުލާނު ކުރާނެ ކަމަށެވެ. ނަމަވެސް "ފްރަންޓް ލައިން"ގައި މަސައްކަތް ކުރާ ނުވަތަ މަސައްކަތުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ މީހުންނަށް އެކަމަށް އިރުޝާދު ދެމުން އަންނަ ކަަމަށް މިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މިވަގުތަށް ބޭނުންވާ ވަރަށް އެސްޓީއޯގެ ސްޓޮކްގައި މާސްކު ހުރި ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރާއި ކަމާ ގުޅޭ އިދާރާތަކުން އިރުޝާދު ދެއްވާ ގޮތުގެ މަތިން ކަންކަން ކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މާކުރިން މާސްކުތައް ބާޒާރަށް ނެރުމުގެ އިރުޝާދު ލިބިފައި ނެތް ކަމަށާއި ނަމަވެސް ބޭނުންވާ ވަރަށް މާސްކު ހުރި ކަމަށެވެ. އަދި "ފްރަންޓް ލައިން"ގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ސާމާނުވެސް އެސްޓީއޯގެ އެހީއާއެކު ގެނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިފަދަ ހާލަތެއްގައި ކޮންމެ ކަމެއް އަމިއްލައަށް ނިންމުމަށް އިސްނެގުމުގެ ބަދަލުގައި ކަމާ ބެހޭ ފަރާތްތަކުން ދޭ ލަފައާއި އިރުޝާދުގެ މަތިން ކުރިއަށް ދިއުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. އަދި ދުވަހުން ދުވަހަށް މި ބައްޔާ ގުޅިގެން އެކި ކަންކަމަށް އަންނަ ބަދަލުތަކަށް ސަމާލުވެ ތިބުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ކަށަވަރު ނުވާ ހަބަރުތައް ނުފެތުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. އަދި ހަގީގީ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީ، މިބައްޔަށް މީހުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު ދަތުރުކުރާ ޑައިރެކްޓު ފްލައިޓުތައް މިއަދުން ފެށިގެން ހުއްޓާލުމަށް ސަރުކާރުން ނިންމާފައިވާ އިރު، އެ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަންނަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ.