ޚަބަރު

ކޮރޯނާ ވައިރަހާއި ހިމަބިހިން ރައްކާތެރިވުމަށް މިސްކިތްތަކުގައި ގުނޫތު ކިޔަން ހަމަޖައްސައިފި

އިބްރާހިމް ޒަކީ

ކޮރޯނާ ވައިރަހާއި ހިމަބިހިން ރައްކާތެރިވުމަށް މިއަދުން ފެށިގެން ރާއްޖޭގެ މިސްކިތްތަކުގައި ގުނޫތު ކިޔަން ޖެހޭ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަހާއި ހިމަބިހިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު އާންމުވެފައި ވާތީ، މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި ޤުނޫތު ނާޒިލާ ކިޔުމަށް ހަމައްސާފައިވާ ކަމަށެވެ.

މިރޭ މަޣުރިބު ނަމާދުން ފެށިގެން، މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ގުނޫތު ކިޔުން ކުރިއަށް ގެންދާނެ ކަމަށް މިނސިްޓްރީން ބުނެފައިވެއެވެ. ގުނޫތު ކިޔާނީ ކޮންމެ ޖަހްރިއްޔާ (އަޑުހަރުކޮށް ކިޔަވާ) ނަމާދުތަކުގެ ފަހު ރަކްޢަތުގެ އިއުތިދާލުގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި، ކޮރޯނާވައިރަސް ރާއްޖެއާ އަވަށްޓެރި ގައުމުތަކުގެ ތެރެއިން، އިންޑިއާއިންނާއި ސްރީލަންކާއިން ވެސް މިހާރު ވަނީ ފެނިފައެވެ. އަދި ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ އަދި ދަތުރުކުރާ މެލޭޝިއާއިން ވެސް މި ވައިރަސް ވަނީ ފެނިފަ އެވެ.

މި ބަލީގައި މިހާތަނަށް 170 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 8000އާ ގާތް ވެފަ އެވެ. އަދި ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި މިވަގުތަށް މަޑުޖެހިލާފައި ވި ނަމަވެސް އެބަލިން ސަލާމަތް ވުމަށް ވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ.