ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ފޮށިތައް މާލޭގެ އަށް ސަރަހައްދެއްގައި ބަހައްޓަން ނިންމައި ފޮށިތައް ބެހެއްޓުމަށް ހަމަޖައްސާފައިވާ ސަރަހައްދުތައް އެމްޑީޕީން އާންމުކޮށްފިއެވެ.
މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ފޮށިތައް ބެހެއްޓުމަށް ހަމަޖައްސާފައިވަނީ ދަރުބާރުގެ، ކަލާފާނު ސްކޫލް، މަޖީދިއްޔާ ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، އެމްޑީޕީ ހަރުގެ އަދި ވިލިމާލެ މުހްޔިއްދީން ސްްކޫލާއި ހުޅުމާލެ ރެހެންދި ސްކޫލުގައެވެ.
މީގެ ތެރެއިން ދަރުބާރުގޭގައި ބަހައްޓަނީ މާލޭގެ ފޮށިތައް ކަމަށް އެމްޑީޕީން ބުނެއެވެ. ކަލާފާނު ސްކޫލުގައި ބެހެއްޓުމަށް ހަމަޖައްސާފައިވަނީ ގއ އަތޮޅު، ގދ އަތޮޅު، ށ އަތޮޅު އަދި ނ އަތޮޅުގެ ފޮށިތަކެވެ. މަޖީދިއްޔާ ސްކޫލުގައި ބެހެއްޓުމަށް އެމްޑީޕީން ހަމަޖައްސާފައިވަނީ އައްޑޫ ސިޓީ، ވ އަތޮޅު، މ އަތޮޅު، ފ އަތޮޅު އަދި ދ އަތޮޅުގެ ފޮށިތަކެވެ.
އެމްޑީޕީން މައުލޫމާތު ދިން ގޮތުގައި އިމާދުއްދީން ސްކޫލުގައި ބެހެއްޓުމަށް ހަމަޖައްސާފައިވަނީ ހއ އަތޮޅު، ހދ އަތޮޅު، ކ އަތޮޅު، އއ އަތޮޅު އަދި އދ އަތޮޅުގެ ފޮށިތަކެވެ. އަދި އިސްކަންދަރު ސްކޫލުގައި ބަހައްޓަނީ ފުވައްމުލައް ސިޓީ، ރ އަތޮޅު، ބ އަތޮޅުގެ ފޮށިތައް ކަމަށާއި އެމްޑީޕީ ހަރުގޭގައި ބެހެއްޓުމަށް ހަމަޖައްސާފައިވަނީ ތ އަތޮޅާއި ލ އަތޮޅުގެ ފޮށިތައް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރެއްގައި ބާއްވަން ހަމަޖައްސާފައިވާ ކައުންސިލް ތަކުގެ އިންތިހާބުގައި އެމްޑީޕީން ވަނީ ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށް ނިންމާފައެވެ. އަދި ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައި 390 ފަރާތަކަށް، އެ ދާއިރާއަށް އިތުރު މީހަކު ކުރިމަތި ލާފައި ނުވުމުން، ޓިކެޓް ހަވާލު ކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީ ޕްރައިމަރީގެ ވޯޓު ލުން ކުރިއަށް ދާނީ މާދަމާ 2:30 ން 7:30އަށް ކަމަށް އެޕާޓީން މީގެ ކުރިން މައުލޫމާތު ދީފައި ވެއެވެ. އަދި 15 މިނެޓްގެ ހުސް ވަގުތު ކޮޅަކަށްފަހު މާލެ އާއި އަތޮޅުތަކުގައި ވޯޓު ފޮށި ބަހައްޓާފައިވާ ތަނުގައި ވޯޓު ގުނައި އެތަނުގައި ވަގުތުން ނަތީޖާ އިއުލާން ކުރާނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.