ކުރިއަށް އޮތް 22 ދުވަސް ތެރޭގައި، ކުދިންނަށް ވެކްސިން ޖެހުމަށް ދެކޮޅު ހަދާ މައިންބަފައިންނަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއަކާއެކު ޝަމީމު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވި ނަމަވެސް، ދައުވާކުރަން ފޮނުވަން ނިންމާފައި ވަނީ އެފަދަ ކިތައް މައްސަލަ ކަމެއް ވިދާޅުވެފައެއް ނުވެއެވެ.
ބާވީސް ދުވަސް ތެރޭގައި އެފަދަ މައްސަލަތަކުގައި ދައުވާ ކުރަން ކޯޓުތަކަށް ފޮނުވާނެ ކަމަށް ޕީޖީ ވިދާޅުވެފައި މިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނުގައި، އެ ގާނޫނަށް އަމަލުކުރަން ފަށާނީ، އެ ގާނޫނު ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސް ދުވަސް ހަމަވާ ދުވަހުން ފެށިގެން ކަމަށް ބުނެފައިވާތީއެވެ.
އެގޮތުން ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އެ މުއްދަތުން ފެށިގެން ތިން މަސް ދުވަސް ވާނީ އަންނަ މަހުގެ 20 ވާ ބުރާސްފަތި ދުވަހަށެވެ.
ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވައި، ރައްޔިތުން މަޖިލީހުގެ 66 މެންބަރުންގެ އަގުލަބިއްޔަތުން މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ފާސްކޮށް، ރައީސް ތަސްދީގުކުރައްވާފައިވާ ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ބަލިތަކުން ސަލާމަތްވުމަށް ޖަހަން ޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.
އެ ވެކްސިން ޖެހުމަށް މައިންބަފައިން އުޒުރުވެރިވުމަކީ މައިންބަފައިންނަށް ލިބިފައިވާ ހައްގެއް ނޫން ކަމަށް ވެސް އެ ގާނޫނުގައި ބުނެފައި ވެއެވެ. އަދި ކުޑަކުދިންނާ މެދު އިހުމާލުވުމާއި އަނިޔާގެ އަމަލަކުން ކުޑަކުއްޖަކު ސަލާމަތް ކުރުމަށް އިހުމާލުވުމާއި ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓު ނުކުރުމަކީ ވެސް ކުށެއް ކަމަށް ބުނެފައިވެއެވެ.