ޚަބަރު

ކޮރާނޯ ވައިރަސްއާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު މަޖިލީހާ ހިއްސާކުރަނީ

ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރުމުގެ ފުރުސަތަކަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެދިވަޑައިގެންފިއެވެ.

އެ ވައިރަސްއާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިއްސާކުރުމުގެ ފުރުސަތަކަށް އެދިވަޑައިގެން، މިނިސްޓަރު އަމީން ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފައެވެ.

މިނިސްޓަރު އަމީންގެ އެ ސިޓީގައި ވިދާޅުވީ އެ ވައިރަސް އިން ރައްކާތެރިވުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅައި، މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ސަރުކާރުން އަޅާ ފިޔަވަޅުތަކާއި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު މަޖިލީހުގެ މެންބަރުންނަށް ދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު އެ ވައިރަސް އިން ރައްކާތެރިވުމަށް ސަރުކާރުން މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެ ވައިރަސް އިން ރައްކާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަމަށް ހާއްސަ ޓާސްކްފޯހެއް ވެސް އެކުލަވާލައްވައިފައެވެ.