ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭ ހަބަރެއްގެ މައްސަލައިގައި ރާއްޖެ އެމްވީގެ ނޫސްވެރިޔަކަށް ފިޔަވަޅު އަޅަން ގޮވާލައިފި

1

"ރައީސް ޔާމީންގެ ޝަރީއަތް: ރައީސް ނަޝީދުގެ މައްސަލައިގައި، ފަނޑިޔާރު ޝާހިދުގެ ގިނަ ސުވާލުތަކެއް" ސުރުހީގެ ދަށުން ރާއްޖެ އެމްވީ، އޮންލައިން ނޫހުގައި ނޫސްވެރިޔާ މުހައްމަދު ފަޒީން ގެނެސްދިން ހަބަރާ ގުޅިގެން އޭނާއަށް ފިޔަވަޅު އެޅުމަށް ހައިކޯޓުން ގޮވާލައިފިއެވެ.

އެ މައްސަލައިގައި ހައިކޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހަބަރަކީ ހައިކޯޓާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަގު ވައްޓާލައި ރައްޔިތުންގެ ކުރިމަތީގައި ނުބައި ތަސައްވުރެއް ދެއްކުމަށް މަސައްކަތްކޮށް، ޝަރީއަތުގެ މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތާ ހިލާފަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.

"ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ހަމަ އެ ގާނޫނު އަސާސީގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ގެއްލިގެން ނުދާނެ ގޮތެއްގެ މަތީންނެވެ. އަދި ނޫސްވެރިންގެ ފަރާތުން ފެނިގެންގޮސްގެން ނުވާނެ މިފަދަ އަމަލުތައް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ބައްލަވައި ފިޔަވަޅު އެޅުއްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ..،" ހައިކޯޓުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ހައިކޯޓުން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތުން އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުން އިއްޔެ ކުރިއަށްގެންދިޔައީ އާންމުކޮށް ހުޅުވާލައިގެން ކަމަށާއި އެ މައްސަލައިގެ އަޑުއެހުމަށް ވަންނަން ބޭނުންވި ހުރިހާ ނޫސްވެރިންނަށާއި އާންމުންނަށް ފުރުސަތު ދީފައިވާނެ ކަމަށެވެ.

ހުޅުވާލައިގެން ބޭއްވޭ ހުރިހާ ޝަރީއަތަކަށް ވެސް ނޫސްވެރިންނާއި އާންމުން ވަނުމަކީ ހައިކޯޓުން ހިތްވަރުދޭ، އަދި އެކަމަށް މަގުފަހިވެސް ކޮށްދޭ ކަންކަން ކަމަށާއި އާންމުކޮށް ހުޅުވާލައިގެން ބޭއްވުނު ޝަރީއަތުގެ މަޖިލީހުގެ އެއްވެސް ހިސާބެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމާ ގުޅޭގޮތުން ނުވަތަ އެނޫން ގޮތަކުންވެސް އެމަނިކުފާނުގެ އެއްވެސް ވާހަކައެއް ފަނޑިޔާރުންގެ ބެންޗުން ވެސް، އަދި މައްސަލައިގެ ހަސްމުން ވެސް ފާހަގަކޮށްފައި ނުވާ ކަމަށް ހައިކޯޓުން ބުންޏެވެ.

ހައިކޯޓުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ހަބަރަކީ ކަނޑައެޅިގެން ފަނޑިޔާރު ޝަހީދުގެ އަބުރާއި އިއްޒަތަށް ހުތުރުވާގޮތަށް ގެނެސްދީފައިވާ ހަބަރެއް ކަމަށް އެ ކޯޓުން ދެކޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟