ޚަބަރު

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ބަލަނީ

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ގާޒީ އަލީ ނަސީރުގެ މައްސަލައެއް ބަލަން ނިންމި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

ޖޭއެސްސީގެ އިއްޔެގެ ބައްދަލުވުމުގައި ވެސް ފަނޑިޔާރުންތަކެއްގެ މައްސަލަ ބެލުމަށް ވަނީ ނިންމައިފައެވެ. އިއްޔެގެ ބައްދަލުވުމުގައި ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ އާއި އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އާމިރާއި ގއ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުލްމުހްސިން އަބްދުލްހަކީމާއި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ޅ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މޫސާގެ ސުލޫކީ މައްސަލަތަކެއް ބެލުމަށެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މައްސަލަތައް ނިންމުން އަވަސްކުރުމުގެ ނަމުގައި ނުވަތަ ގިނަ މައްސަލަތައް ނިންމާކަމުގެ ޝަރަފު ހޯދުމަށްޓަކައި ނުވަތަ ވަކި މުއްދަތެއްވީ މައްސަލައެއް ކޯޓުގައި ނުބޭއްވުމުގެ ނިޔަތުގައި، އަދުލު އިންސާފާ މެދު ސުވާލު އުފެދޭ ގޮތަށް ސިވިލް ކޯޓުގެ ބައެއް ފަނޑިޔާރުން މައްސަލަތައް ނިންމާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާތީ އެކަން ހައްލުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި އެންގުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ އެންގުމަށް ސިވިލް ކޯޓުގައި މިހާރު ގާއިމުކޮށްފައިވާ ޑިވިޝަންތަކަކަށް ބަހާލައިގެން މައްސަލަ ބަލާ އުސޫލަކީ އެންމެ ރަނގަޅު އުސޫލެއް ކަމުގައި ނުވާތީ، އެ ނިޒާމު މުރާޖައާކޮށް އިސްލާހުކުރުމުގެ މަސައްކަތް ފެށުމަށް ޑީޖޭއޭއަށް އެންގުމަށް ވެސް ޖޭއެސްސީން މިއަދު ވަނީ ނިންމައިފައެވެ.