ރާއްޖޭގައި ވަގު ނޫޓު ދައުރަވަމުން ނުދާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން އެހެން ބުނީ، ރަން ދިހަފަހެއްގެ 500 ރުފިޔާގެ ވަގު ނޫޓު ދައުރަވަމުންދާ ކަމަށާއި ބައެއް ނޫޓުތަކުގައި ހުންނަ ޑޮޓުތައް ފެންނަން ނެތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާތީއެވެ.
ރާއްޖޭގައި ވަގު ނޫޓު ދައުރުވަމުން ނުދާކަން ޔަގީންކޮށްދެއްވައި އެމްއެމްއޭގެ ތަރުޖަމާން މުހައްމަދު ނާސިހު "ވަން" އަށް ވިދާޅުވީ، ރަން ދިހަފަހެއްގެ ނޫޓުތަކުގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ޓެކްޓައިލް ޑޮޓްސް އެކި ސަބަބުތަކާހުރެ ނޫޓުން ފެންނަން ހުންނަ މިންވަރު ތަފާތުވެދާނެ ކަމަށާއި ނަމަވެސް އެއީ ސައްހަ ނޫޓު ކަމަށެވެ.
"އަޅުގަނޑުމެންގެ އިލްތިމާސް އަކީ އެއްވެސް ނޫޓަކާއި ދޭތެރޭ ޝައްކު އުފެއްދިއްޖެނަމަ ވީ އެންމެ އަވަހަކަށް އެ ނޫޓެއް އެމްއެމްއޭއަށް ގެނެސްދިނުން. އޭރުން އަޅުގަނޑުމެން އޭތި ބަދަލު ކޮށްލަ ދޭނަން،" ނާސިހު ވިދާޅުވިއެވެ.
ޓެކްޓައިލް ޑޮޓްސް އަކީ ލޮލަށް ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ނޫޓުގެ މޫނުމަތީ އަގު ދެނެގަތުމަށް، ނޫޓުގައި އަތްލުމުން އުފުލިފައި ހުންނަ ގޮތް އިހުސާސްވާގޮތަށް އެކި ނޫޓުގައި ހިމަނާފައިވާ އެކި ޑިޒައިންތަކެވެ.