ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލުގައި އައިސީޔޫއެއް، ހުޅުމާލެ އަދި އެއާޕޯޓުގައި އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކޮށްފި

މަރިޔަމް ޝަހުދާ

ޗައިނާއިން މުޅި ދުނިޔެއަށް ހަލުވިކޮށް ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކޮށް ބެހެއްޓޭނެ ވަސީލަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލޭގައި ގާއިމްކޮށް، ބަލި ޖެހިފައިވާ މީހަކު ފެނި އެމީހާގެ ހާލު ސީރިއަސްވާ ހާލަތެއްގައި ފަރުވާ ދިނުމަށް ހާއްސަ އައިސީޔޫއެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމު ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، ދެ އައިސޮލޭޝަން ފެސިލިޓީއާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމު ކުރި އައިސީޔޫ ފެސިލިޓީއަކީ ރާއްޖެއިން މި ބައްޔާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް ކަމަށެވެ.

ރައީސް އޮފީހުން ބުނީ، މިކަމަށް ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި ގަވައިދުން މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށެވެ.

މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިމަހު 22 ގައި ތާމަލް ސްކްރީނިންގް ސެޓަޕެއް ގާއިމު ކޮށްފައިވާނެ ކަމަށާއި އާދިއްތަ ދުވަހު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ތާމަލް ކެމެރާ ހަރުކޮށްފައި ވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެހެން "އެންޓްރީ ޕޮއިންޓް" ތަކުގައި ކެމެރާ ހަރު ކުރުމަށް ބޭނުންވާ ކެމެރާ ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭގައި ކޮރޯނާ ވައިރަސްއަށް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަކީ 12 އެނދުގެ ފެސިލިޓީއެކެވެ. އަދި އެއާޕޯޓުގައިވެސް އެފަދަ ފެސިލިޓީއެއް ގާއިމުކޮށްފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ހާލަތު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ އައިސީޔޫ ފެސިލިޓީ ގާއިމުކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގި ފިލާގައި ގާއިމުކޮށްފައިވާނީ ހަތަރު އެނދުގެ ފެސިލިޓީއެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ބައްޔަށް ޝައްކު ކުރެވޭ މީހުން އެއްތަނުން އަނެއް ތަނަށް ޓްރާންސްފާ ކުރުމަށް ތިން އެމްބިއުލެންސެއް ހާއްސަކޮށްފައިވާނެ ކަމަށާއި އެއީ ހުޅުމާލެގައި އެއް އެމްބިއުލޭންސް، އައިޖީއެމްއެޗުގައި އެއް އެމްބިއުލޭންސް އަދި އެއާޕޯޓުގައި އެއް އެމްބިއުލޭންސް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ކޮރޯނާ ވައިރަސް އާއި ގުޅުން ހުރި ކަންކަމުގައި އިތުރަށް ތައްޔާރު ވުމަށް ހެލްތު މިނިސްޓްރީގެ ކަމާ ގުޅުން ހުރި މުވައްޒަފުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސްޓާފުން އަދި އެއާޕޯޓާއި ގުޅުން ހުރި އިމަޖެންސީތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް މިހާތަނަށް ވަނީ ހަތަރު ޓްރެއިނިންއެއް ހިންގާފައެވެ. އަދި އިއްޔެގެ ވަގުތެއްގައި މި ވައިރަސްއާ ގުޅޭ ކްލިނިކަލް ގައިޑްލައިން ހިމެނޭ ގޮތަށް ސްޓޭންޑަޑް އޮޕަރޭޓިންގް ޕްރޮސީޖާތައް ތައްޔާރުކޮށްފައިވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.