ހައިކޯޓު

މެޖިސްޓްރޭޓް ނިހާންގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށްފި

ސައްހަ ނޫން ކޯޓެއް އަމުރެއްގެ ނެރިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނު ކަމުގެ ކުށް ސާބިތުވެ، ޖަލަށް ލާފައިވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

މެޖިސްޓްރޭޓް ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 17 އަހަރު ދުވަހުގެ ހުކުމެއް ކުރީ 2016 ވަނަ އަހަރު އެވެ. އެއީ ގާނޫނީ އިމުގެ ބޭރުން ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށް ރަހީނުކުރަން އުޅުނު ކަމަށް ސާބިތުވެގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ނިހާނުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަކީ ޝަރުއީ އުސޫލަތަކާއި ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.

ނިހާނުގެ މައްޗަށް ކޮށްފައިވާ އިތުރު ދައުވާތައް ވެސް ބާތިލުކޮށް އޭނާ ހައްޔަރުގައި ބެހެއްޓުމުގެ އަމުރުވެސް ބާތިލުކޮށް ހައިކޯޓުން މިއަދު ވަނީ އޭނާ މިނިވަންކޮށްފަ އެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ އެހެން ދައުވާ ތަކުގެ ތެރޭގައި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި ސައްހަ ނޫން ލިޔުމެއް އުފެއްދި ކަމުގެ ދައުވާ އާއި މަގާމުގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ހިމެނެ އެވެ. އެ ހުރިހާ ދައުވާއެއްވެސް މިއަދު ވަނީ ބާތިލުކޮށްފަ އެވެ.