ޚަބަރު

ޝަހުސިއްޔަތެއް ބިނާކުރާނަމަ ތިމާގެ ގައުމާ ދޭތެރޭގައި ނުގުޑާފަދަ ލޯތްބެއް އުފެދެންޖެހޭ: މިނިސްޓަރު ހަސަން

އަހުމަދު ވަޖީފު

ޝަހުސިއްޔަތެއް ބިނާކުރާނަމަ ތިމާގެ ގައުމާ ދޭތެރޭގައި ނުގުނޑާފަދަ ލޯތްބެއް އުފެދިފައި އޮންނަންޖެހޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީހެއްގެ މޫނައި ލާ ހެދުމާއި ނިސްބަތްވާ އައިލާއަކުން ޝަހުސިއްޔަތު ނޭނގޭނެ ކަމަށާއި އެކަން ފާހަގަކުރެވޭނީ ދިމާވާ ބޮޑެތިކަންކަމުގައި އެމީހާ އަމަލުކުރާ ގޮތާއި ބަސްމަގު ހުންނަ ގޮތުން ކަމަށެވެ.

އެގޮތުން ޝަހުސިއްޔަތެއް ބިނާކުރުމުގައި ވަތަނާ ދޭތެރޭގައި ނުގުނޑާފަދަ ލޯތްބެއް އޮވެ، އެކަން ސާބިތުކޮށްދޭން ކެރެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"ޝަހުސިއްޔައްޔަތެއް ބިނާކުރާނަމަ އޭގެ އެންމެ މުހިންމު އެއް ކަމަކަށް ވާންޖެހޭނެ ތިމާގެ ވަތަން، ތިމާގެ ގައުމާ ދެތެރޭ ތިމާގެ ހިތުގައި ނުގުނޑާ ފަދަ ލޯތްބެއް އުފެދިފަ އޮންނަ އޮތުން އަދި އެކަން ސާބިތުކޮށްދޭންޖެހޭ ހާލަތެއްގައި ސާބިތުކޮށްދޭން ކެރުން. މިއީ ވަރަށް މުހިންމު ނުކުތާއެއް،" މިނިސްޓަރު ހަސަން ވިދާޅުވިއެވެ.

އެގޮތުން ޝަހުސިއްޔަތެއް ބިނާކުރާނަމަ އެމީހެއްގެ ވަތާނާއި ގައުމުދެކެ ތިމާގެ ހިތުގައި ނުގުނޑާފަދަ ލޯތްބެއް އޮތުން މުހިންމު ކަމަށާއި އެކަން ސާބިތު ކުރަންޖެހިޖެނަމަ އެކަން ސާބިތު ކުރަން ކެރެންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ގައުމަށްޓަކައި މޭ އަޑަނައަކަށް ހަދަން ކެރޭނީ ވަރަށް މަދު މީހަކަށް ކަމަށެވެ.

ޖަލްސާއަށް ތިބި ދަރިވަރުންނަށް އިޝާރާތް ކުރައްވާ މިނިސްޓަރު ހަސަން އިތުރަށް ވިދާޅުވީ، ސްކޫލު ތައުލީމުގެ މަގްސަދަކީ ޝަހުސިއްޔަތު ބިނާކުރުން ކަމަށާއި އެހެންކަމުން ގައުމުދެކެ ލޯބިވާ ކުއްޖަކަށް ވުމަށާއި މަޝްވަރާކޮށް، އަނެކުންގެ ހިޔާލުތަކަށް އިހުތިރާމުކުރާ ދަރިވަރަކަށް ވުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.

އޭގެ އިތުރުން ދަރިވަރުންނަކީ އަޑު އެހުމުގެ ގާބިލުކަން ހުރުމުގެ އިތުރުން އަމިއްލަ އެދުމަށް ވުރެން އަނެކާއަށް އިސްކަންދޭ ދަރިވަރަކަށް ވުމަށް މިނިސްޓަރު ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ

ހުރަވީ ދުވަސް އެ ބަތަލަކަށް ނިސްބަތްވާ އައްސުލްތާނުލްޣާޒީ ހަސަން އިއްޒުއްދީން ނުވަތަ ދޮންބަންޑާރައިގެ ޝަހުސިއްޔަތުން ފާހަގަކުރެވޭ ކަންކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ހަސަން ވިދާޅުވީ، އަމިއްލަ އެދުމެއް ނެތި މަސައްކަތް ކުރުމާއި އަމާނަތްތެރިކަމާއި މަޝްވަރާ ކުރެއްވުމުގެ ރިތީ މިސާލަކީ އެ ބަތަލުގެ ޝަހްޝިއްޔަތުން ފާހަގަކުރެވޭ މުހިންމު ކަންކަން ކަމަށެވެ.