ޚަބަރު

ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ހެލްތު މިނިސްޓަރު އިލްތިމާސްކުރައްވައިފި

ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިލްތިމާސްކުރައްވައިފިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުދިނުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވަނީ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ސައްހަ ނޫން މައުލޫމާތުތައް ފަތުރާކަން ފާހަގަކުރައްވައިފައެވެ.

"މިވަގުތު ކަމާ ބެހޭ އިދާރާތަކުގެ މައުލޫމާތު ވަރަށް މުހިންމު. ސައްހަ މައުލޫމާތުތައް ވަރަށް މުހިންމު. އެހެންވީމާ ސައްހަ މައުލޫމާތު ހާމަކުރުން ވަރަށް މުހިންމު. އަޅުގަނޑުމެންނަށް ވެސް ދޭތެރެދޭތެރެއިން މިވެނި ތަނެއްގައި މީހަކު ބަހައްޓައިގެން ފަރުވާދޭ ވާހަކަތައް ސޯޝަލް މީޑިއާ އިން ފެނޭ. އަޅުގަނޑުގެ އިލްމާސްއެއް، އެއްވެސް ފަރާތަކުން ސައްހަ ނޫން މައުލޫމާތުތައް ނުފެތުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގައި ވެސް އަމަލުކުރަމުން އަންނަނީ ބޭރުގެ ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި ގޮންޖެހުންތަކެއް ހުރި ނަމަވެސް ސަރުކާރު އޮތީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށެވެ.

"ރާއްޖެއަށް ވުރެ މާ ބޮޑެތި ގައުމުތަކުން ވެސް ފަހަރުގައި މިހާރު މީހަކު ހުރެދާނެކަމަށްޓަކައި އެބޭފުޅުންވެސް ދޭ އިރުޝާދުތަކާ އެއް މިންގަނޑެއްގައި އަޅުގަނޑުމެންވެސް އަމަލު މިކުރަނީ. ގޮންޖެހުންތައް ހުންނާނެ، އުނދަގޫތައް ހުންނާނެ މިކަހަލަ ހާލަތެއްގައި. އެހެންނަމަވެސް ސަރުކާރު މިއޮތީ މިކަހަލަ ހާލަތަކަށް އެންމެ ރަނގަޅަށް ތައްޔާރުވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ ރާއްޖޭގައި އެ ވައިރަސް ޖެހިފައި ހުރި މީހަކު ހުރެދާނެތޯ ވެސް ވިސްނަމުން އަންނަ ކަމަށާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި އަދި އެހެން ފަރާތްތަކަށް ވެސް ތަކުރާރުކޮށް ކޮންމެ ދުވަހަކު އިރުޝާދުދެނީ އެކަމަށް ވިސްނާތީ ކަމަށެވެ.