ސަރުކާރަށް އެންމެ މުހިންމީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށާއި އެހެންކަމުން ހާލަތަށް ބަލާފައި އަޅަންޖެހޭ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު އެގޮތަށް ވިދާޅުވީ، ވައިރަސްގެ ބިރު ފެތުރިފައިވާތީ ޗައިނާ ފަތުރުވެރިން ރާއްޖެ އައުން ވަގުތީ ގޮތުން ހުއްޓުވުމަށް ގޮވާލަމުންދާތީ އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސަރުކާރަށް އެންމެ މުހިންމު ވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށާއި ގައުމުގެ އިގްތިސާދު ވެސް އަންނާނީ އެއަށްވުރެ ފަހުން ކަމަށެވެ. އެހެންކަމުން އެވަގުތަކު އަޅަންޖެހޭ ފިޔަވަޅެއް އަޅަން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސަރުކާރަށް އެންމެ މުހިންމު ވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން، އިގްތިސާދު ވެސް އަންނާނީ އެއަށްވުރެ ފަހުން. އިގްތިސާދެއް އޮންނަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް. އެހެންކަމުން އަޅުގަނޑުމެން ވަކިކަމެއް ދިމާވާ، މިއީ އިވޯލްވާ ސިޗުއޭޝަނެއް، މިރޭ އޮންނަ ސިޗުއޭޝަނެއް ނޫން މާދަމާ އޮންނާނީ. ސަރުކާރު އޮތީ ތައްޔާރަށް އެވަގުތަކު ނަގަންޖެހޭ ޑިޒިޝަނެއް ކަމާބެހޭ އިދާރާތަކާއެއްކޮށް ނެގުމަށްޓަކައި. އެ ޔަގީންކަން އަރުވަން،" މިނިސްޓަރު އަލީ ވިދާޅުވިއެވެ.
އަލީ އިތުރަށް ވިދާޅުވީ، ގައުމީ ޓާސްކު ފޯހަށް ލަފާ ދިނުމަށްޓަކައި ފަތުރުވެރިކަމުގެ ހުރިހާ މަސްލަހަތުވެރިން ހިމެނޭ ގޮތަށް ޓާސްކު ފޯހަކާއި ސިޝުއޭޝަން މޮނިޓަރިން ޔުނިޓެއް ވެސް އެކުލަވާލައިފައިވާ ކަމަށެވެ.
އޭގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ވައިރަހުގެ އަލާމާތެއް ފެނިއްޖެނަމަ ކަންކުރަންވީ އުސޫލުތައް ފަތުރުވެރިން އުޅޭ ތަންތަނަށް ފޮނުވައި، ރާއްޖޭގެ އިގްތިސާދަށް ފަތުރުވެރިކަމުގެ ދާއިރާއިން އައިސްދާނެ ލޮޅުންތަކާ ގުޅޭގޮތުން ކަރުދާހެއް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖެއަށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިން ނުވަތަ ބުކިން ހަދާފައިވާ ފަތުރުވެރިންގެ ހަރަކާތްތައް ޓޫރިޒަމް މިނިސްޓްރީން ދަނީ ބަލަމުންނެވެ. އެގޮތުން މިރޭގެ ނިޔަލަށް ޖުމްލަ 2083 ބުކިން ކެންސަލް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 1466 ކެންސަލޭޝަން އައިސްފައިވަނީ ޗައިނާއިން ކަމަށެވެ.