ޚަބަރު

ކޮރޯނާ ވައިރަސްއާ ގުޅިގެން 2000 އަށްވުރެ ގިނަ ބުކިން ކެންސަލްކޮށްފި

1

ޗައިނާއިން ފެތުރެން ފެށި ކޮރޯނާ ވައިރަސްއާ ގުޅިގެން 2000 އަށްވުރެ ގިނަ ބުކިން ކެންސަލްކޮށްފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ވައިރަސް ފެތުރެން ފެށި ފަހުން 2000 އަށްވުރެ ގިނަ ކެންސަލޭޝަން އަތުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ޗައިނާ ފަތުރުވެރިންގެ ބުކިންތައް ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ޑެއިލީކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ނުވަތަ ބުކިން ހަދާފައިވާ ފަތުރުވެރިންގެ މޫވްމަންޓްސްތައް ބަލަމުން. އެގޮތުން އަޅުގަނޑުމެންގެ ސިޗުއޭޝަން ޔުނިޓު ހެދި ފަހުން މިރެއާ ހަމައަށް ޖުމްލަ 2000 އަށްވުރެ ގިނަ ކެންސަލޭޝަން އޮބައޮތް އަޅުގަނޑުމެންނަށް ރިކޯޑު ކުރެވިފައި. އޭގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބަޔަކީ ޗައިނީސް. މިރޭ މި ޕްރެސް ކޮންފަރެންސަށް އައި އިރު، ޖުމްލަ 2803 ކެންސަލޭޝަން އެބައުޅޭ. އޭގެ ތެރެއިން 1466 އެއީ ޗައިނީސް ކެންސަލޭޝަންސް،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެ އަދަދު މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ސަރުކާރުގެ ވިސްނުމަކީ އެ ހާލަތު ކޮންމެ ދުވަހެއްގެ ހުރިހާ ވަގުތެއްގައި ބެލުން ކަމަށެވެ. އަދި އެކަމާ ގުޅިގެން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން އަޅަން ޖެހިއްޖެ ނަމަ، އެ ފިޔަވަޅެއް އެޅުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކެބިނެޓުގެ ފަރާތުން ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން އެއްވެސް ކަމެއް ސިއްރެއް ނުކުރާނަމޭ. އާންމު ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން ސަރުކާރަށް ގަބޫލުކުރެވޭ. އެހެންވީމާ ސަރުކާރުގެ ފަރާތުން ދޭން ބޭނުންވާ ޔަގީންކަމަކީ މިކަމާ ގުޅިގެން ހިނގާ އެއްވެސް ކަމެއް ރައްޔިތުންނަކަށް އަޅުގަނޑުމެން ސިއްރެއް ނުކުރާނަމޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ދިވެހިރާއްޖެއަށް މީގެ އަލާމަތްތައް ހުރި މީހަކު ދިވެހިރާއްޖެއިން ފެނިއްޖެ ނަމަ، ނުވަތަ އެންމެ ހާލަތު ގޯސްވާ ދަނޑިވަޅުގައި ވެސް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން އަންނަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟