ޝަހީދާ އަބްދުﷲ ސައީދު
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ކޮމިޝަނުން ހަވާލުވެފައި ވަނީ ވަރަށް ބޮޑު ޒިންމާއަކާ ކަމަށާއި އެމަނިކުފާނުގެ ފަރާތްޕުޅުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ކޮމިޝަނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އަދި ބޭރުގެ ފަންނީ އިދާރާތަކުން ހޯދަންޖެހޭ ހުރިހާ އެހީތެރިކަން ވެސް "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަނަށް" ފޯރުކޮށް ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްޖޫރިއްޔާ ދެއްވިއެވެ.
ރައީސް ވަނީ އެ މަސައްކަތް ވީ އެންމެ އަވަހަކަށް ފައްޓަވައިދެއްވުމަށާއި، ވަކި މީހަކަށް ބެލުމެއްނެތި ނަޒާހާތްތެރިކަމާ އެކު ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބައްލަވައިދެއްވުމަށް ކޮމިޝަނުގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފަ ވެއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ކޮމިޝަނުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކަށް އާންމުންނަށް ބަލައިގަނެވޭ ވަރުގެ ތަޙުޤީޤީ ރިޕޯޓްތަކެއް ތައްޔާރުކުރެއްވުމަށް ކަމުގައި ފާހަގަކުރެއްވިއެވެ.
އަދި މި ކޮމިޝަނުގެ މެންބަރުން ވަނީ އެ މަސައްކަތް ނަޒާހާތްތެރިކަމާ އެކު ވީ އެންމެ އަވަހަކަށް ކުރިޔަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ.