މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގެ 11 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.
މި 11 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމިކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ޓްރާންސްޕޯޓު މިނިސްޓްރީއަށް އެންގީ މިއަދު ހެނދުނު އެވެ. އަދި އޭގެ ތެރޭގައި އިސްތިއުފާ ދޭން ބޭނުންވާ މުވައްޒަފުން ތިބި ނަމަ އެކަން މާދަމާ މެންދުރު 12 ޖެހުމުގެ ކުރިން އެންގުމަށް ސީއެސްސީގެ ސިޓީގައި ޓްރާންސްޕޯޓަށް ވަނީ އަންގާފަ އެވެ.
ވަޒީފާއިން ވަކި ކުރި 11 މުވައްޒަފުންނަށް ސީއެސްސީން އެދިފައިވާ ގޮތުގެ މަތީން، އިސްތިއުފާ ދިނުމުގެ ފުރުސަތު މާދަން ހެނދުނު 10:00 އާ ހަމަޔަށް މިހާރު ވަނީ ދީފައެވެ.
ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނެންޓު ސެކްރެޓަރީ، އަބްދުﷲ ފަޔާޒު ދާދި ދެންމެ ވިދާޅުވީ، ހާޒިރީގެ މައްސަލަ ޖެހިގެން ސިވިލް ސާވިސް ކޮމިޝަނުން ޓްރާންސްޕޯޓު މިނިސްޓްރީގެ 11 މުވައްޒަފަކު ވަޒީފާއިން ވަކި ކުރި އިރު، އޭގެ ތެރޭގައި ޖޫނިއަ މުވައްޒަފުންނާއި މެދު މެނޭޖުމެންޓުގެ މުވައްޒަފުންނާއި ސީނިއަ މެނޭޖްމެންޓުގެ މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.
ހާޒިރީގެ މައްސަލަ ޖެހުނު މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމުމާ ގުޅިގެން އެ މައްސަލަ ހޫނުވެ، އެކަމާ ގުޅޭ ޕެޓިޝަނެއް ތައްޔާރުކޮށް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް ހުށަހެޅި އެވެ. ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އޭރު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ވަޒީފާއިން ވަކިކުރަން ނިންމާފައި ވަނީ، ހާޒިރީގެ މައްސަލަ އާދަޔާ ހިލާފަށް ބޮޑު މުވައްޒަފުންތަކެއް ކަމަށާއި އެފަދަ މުވައްޒަފުން ލައިގެން މިނިސްޓްރީ ހިންގަވާ އިރު، ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް އެންމެ ރަނގަޅު ފެންވަރުގައި އެންމެ އެދެވޭ ގޮތަށް ދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގަންނަވާ ކަމަށެވެ. މުވައްޒަފުން ވާން ޖެހޭނީ ވަގުތަށް ކަމޭހިތާ، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަނޑައަޅާފައި އެއޮންނަ ވަގުތުގައި ފަރުވާތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ދޭ ބަޔަކަށް ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
ފަވާޒު ވިދާޅުވީ ވަޒީފާއިން ވަކިކުރަން ސީއެސްސީން ނިންމައި، މިނިސްޓްރީއަށް އެންގި 11 މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންގެ ފާއިތުވި ތިން އަހަރުގެ ހާޒިރީއަށް ބަލާ އިރު، ހާޒިރުވާން ޖެހޭ ވަގުތާ އަޅާ ބަލާ އިރު ދެބައިކުޅަ އެއްބަޔަށް ވުރެވެސް ހާޒިރީ ދަށް ކަމަށެވެ. ބައެއް މުވައްޒަފުން 60 ޕަސެންޓު ދުވަހު ގަޑި ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން މުވައްޒަފުންގެ ބަޔާންތަކާއި މުވައްޒަފުންގެ ޖަވާބު ތަކާ އެކު، މައްސަލަ ޓްރާންސްޕޯޓުން ފޮނުވީ ސީއެސްސީއަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.
"ގަވައިދު އޮންނަ ގޮތުން މީގަ މިނިސްޓްރީން އަދާކުރަނީ މެދުވެރިޔެއްގެ ރޯލު. މުވައްޒަފުން ވަކިކުރަން ނިންމައި، ކަމާ ގުޅޭ ގޮތުން މުވައްޒަފުން ދިން ޖަވާބުތަކާ އެކު، އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހު، މިނިސްޓްރީން ސީއެސްސީއަށް ފޮނުވީ މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު. ޖަވާބު މި ލިބުނީ މިއަދު. މި ފަދަ މައްސަލަތަކުގައި ސީއެސްސީން އާންމުގޮތެއްގައި ދެހަފުތާ ތެރޭ ގޮތް ނިންމަވާ." ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ވިދާޅުވި އެވެ.
ފަވާޒު ވިދާޅުވީ ހާޒިރީގެ މި ފަދަ މައްސަލަތަކަކީ ސިވިލް ސާވިސް ގަވައިދުގެ 271 ވަނަ މާއްދާ ބުނާ ގޮތުން، ތިން ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އެހެން އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނާ މެދު ވެސް، ހާޒިރީގެ މި ދަރަޖައިގެ މައްސަލަތަކުގައި، ސީއެސްސީން އަޅާފައިވާ ފިޔަވަޅަކީ ވަޒީފާއިން ވަކިކުރުން ކަމަށް ފަވާޒު ވިދާޅުވި އެވެ.
ފަވާޒު ވިދާޅުވީ މި މައްސަލަ ފާހަގަވެ، މުޅި މަރުހަލާ އެއްކޮށް ނިންމުމާ ދެމެދު ހަމަސް ދުވަސް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ.