ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮރޯނާއިން ރައްކާތެރިވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައި ހުރިހާ ކަމެއް ގާތުންބަލަން ރައީސް އަންގަވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަޒީރުން އަދި ކަމާބެހޭ އިދާރާ ތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި، މި ވައިރަސް އިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅިގެން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އެގޮތުން މި ބައްދަލުވުމުގައި މި ބަލިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކް ފޯހުގެ މަސައްކަތްތަކާއި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް މައުލޫމާތު ސާފު ކުރެއްވިއެވެ. އަދި ބަލިން ރައްކާތެރިވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައި ބައްޔާއި ގުޅޭ ހުރިހާ ކަމެއް އެންމެ ގާތުން ބެއްލެވުމަށް ކަމާއި ބެހޭ އިދާރާތަކަށް ރައީސް އިރުޝާދު ދެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ މިހާތަނަށް މި ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މައުލޫމާތު ސާފުކުރައްވާފައެވެ. އަދި ރާއްޖެއިން މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ނަމަ އަމަލު ކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް ރައީސް މައުލޫމާތު ސާފު ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް ވަނީ މި ބަލި އެންމެ ގިނައިން އުޅޭ ސަރަހައްދު ކަމަށްވާ ޗައިނާގެ ވުހާން ގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ކުރައްވާ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މައުލޫމާތު ސާފުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް އޮފީހާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ވަޒީރުންނާއި، ސިއްހީ ދާއިރާގެ މާހިރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ފުލުހުންނާއި ސިފައިން އަދި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.