އިބްރާހިމް ޒަކީ
ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާ ބެހޭގޮތުން ހުށަހަޅަން ޖެހޭ ހުށަހެޅުންތަކާއި އިތުރު ލިއުންތައް ހުށަހެޅުމަށް ދެ ފަރާތަށް ފުރުސަތު ދިނުމަށްފަހު، ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.
މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކޮށްފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމާއި ފަސް މިލިޔަން ޑޮލަރުގެ ޖޫރިމަނާގެ މައްސަލައިގައި ހައިކޯޓަށް ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލައާ ގުޅިގެން މިއަދު އޮތް އަޑު އެހުމުގައި ރައީސް ޔާމީންގެ ވަކީލުން ބޮޑަށް ވަކާލާތު ކުރައްވާފައިވަނީ، ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލުމަށެވެ. އަދި ރައީސް ޔާމީން ވާހަކަ ދައްކަވާފައި ވަނި އެމަނިކުފާނުގެ ސިއްހީ ހާލަތު ބަޔާން ކޮށްދެއްވައި ބޭސް ފަރުވާއަށް ބޭނުންފުޅުވާ ފުރުސަތު ހޯއްދެވުމަށެވެ.
މިއަދުގެ ޝަރިއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ބަލި ހާލަތު ހާމަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް، ހިތުގެ މައްސަލަ އާއި މައި ބަދައިގެ މައްސަލައިގެ އިތުރުން ނަފްސާނީ މައްސަލަތައް ދިމާވެފައިވާ ކަމަށެވެ.
އެ މައްސަލަ ތަކަކީ ރާއްޖޭން ބޭރުން ނޫން ގޮތަށް ފަރުވާ ލިބޭނެ މައްސަލަތަކެއް ނޫން ކަމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ފުރުސަތު ދެއްވުމަށް ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އެގޮތުން ބޭސްފަރުވާ ކުރުމަށްޓަކައި ހުކުމް ތަންފީޒު ކުރުން މަޑު ޖައްސައިލުމަށް ރައީސް ޔާމީން ކޯޓުގައި އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލުމަށް ގާނޫނުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ދޫކޮށްލަން ޖެހޭ ކަމަަށްވެސް ވަކީލުން ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ، ޓެރަރިޒަމްގެ ކުށުގައި ހުކުމް އިއްވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި ހައްޔަރު ކުރެއްވި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ވެސް ކަފާލާތުގެ ދަށުން ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވާ މަނީ ލޯންޑަރިންގެ މައްސަލައަކީ، ކަފާލާތު ނުލިބޭ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ މައްސަލައެއް ނޫން ކަމަށެވެ.
ކަފާލާތު ނުލިބޭ މައްސަލަތައް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ޕްރޮސިކިއުޓާ ވިދާޅުވީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަށް ބަލާއިރު، ކަފާލާތުގެ ދަށުން ދޫކޮށްލަން ނުފެންނަ ކަމަށާއި، އެ ކަން އެގޮތަށް ކުރެވޭނެ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
ދެ ފަރާތުގެ އަޑުއެހުންތަކަށް ފަހު، ކޯޓުން ކުރަން ބޭނުންވާ ސުވާލުތައް ކުރެއްވުމަށްފަހު ހައިކޯޓުގެ ފަނޑިޔާރު މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވައިލެއްވީ، ސިއްހީ މައްސަލަތަކާ ބެހޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރިއާޔަތް ކުރައްވައި، އެމަނިކުފާނުގެ ބަލި ހާލަތާ ގުޅޭ ލިޔުންތައް ހުށަހެޅުއްވުމަށް ތިން ދުވަސް ދެއްވުމަށްފަހުއެވެ. އަދި މައްސަލައާ ބެހޭގޮތުން އިތުރަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުއްވުމުގެ ފުރުސަަތު ފަނޑިޔާރު، ޕަބްލިކް ޕްރޮސެކިއުޓަރަށް ވެސް ދެއްވިއެވެ.
ޝަރީއަތުގެ މަޖިލިސް ނިންމަވައިލައްވަމުން ފަނޑިޔާރު ވިދާޅުވީ، ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލެވުމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ޝަރީއަތުން ގޮތެއް ނިންމަވާނެ ކަމަށެވެ.