ޚަބަރު

ނަދީމްއާއި ކުރީގެ ސީޕީ އަރީފް ދޫކޮށްލައިފި

ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނާ އަހްމަދު އަރީފްވެސް ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

އިއްޔެ ބޭއްވި އިންތިހާބާއެކު ސަރުކާރުކާރުން ބަލި ގަބޫލުކޮށްފައިވާ އިރު، ހައްޔަރުކޮށް ހުކުމް ކުރުވެފައިވާ ބައެއް ފަރާތްތައް މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ހައްޔަރުކޮށްފައިވަނީ ފެބުރުއަރީ މަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. އެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާގެ އިތުރުން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާ ވެސް ވަނީ ނަދީމްގެ މައްޗަށް އުފުލާފައެވެ. ނަދީމް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފް ބަންދުގައި ހުންނެވީވެސް އެކެއް ފެބްރުއަރީގައި ކުރެއްވި އަމުރާ ގުޅިގެން ހައްޔަރުކޮށްފައެވެ. އަރީފްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރެރިޒަމްގެ ދައުވާއެވެ. އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްވެސް މިރޭ ދޫކޮށްލާފައިވާ އިރު، ހަތަރު މަހާއި 24 ދުވަހަށް ރިޔާޒު ޖަލަށްލުމަށް އިއްވާފައިވާ ހުކުމް ވަނީ މިމަހުގެ 15 ވަނަ ދުވަހު ތަންފީޒުކޮށް ނިމިފައެވެ. އޭގެ ފަހުން ވެސް ރިޔާޒް މިނިވަންކޮށްފައިނުވަނީ ފުލުހުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކަމަށް ކްރެކްޝަނުން ބުނެފައިވެއެވެ.