ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ލައިވް ކޮށްދޭން އިދިކޮޅުން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު ޝަރީއަތް ލައިވް ކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

ކުރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގެ އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު 11:15 އަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް ހައިކޯޓުން ބުނީ ޝަރީއަތް ލައިވް ކުރުމަށް އަދި ހަމަޖެހިފައިނުވާ ކަމަށެވެ.

ރައީސް ޔާމިނަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް އަޑުފުލުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތުގެ ފުރިހަމަ މަރުހަލާ ލައިވް ކުރުމުން އިސްތިއުނާފު އަޑުއެހުން ވެސް ލައިވްކުރުމަށް އެދޭ ކަމަށެވެ.

އަދުރޭ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތް ލައިވް ނުކުރަނީ އެމަނިކުފާނުގެ މައުސޫމުކަން ރައްޔިތުންނަށް ހާމަވެ ސަރުކާރުން ބޭނުންވާ މަގުސަދު ހާސިލު ނުކުރެވޭނެކަން އެނގޭތީ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މި ޝަރީއަތުގެ ދެވަނަ މަރުހަލާ ލައިވް ނުކުރަން މި ނިންމި ނިންމުމަކީ އެއީ ފުރަތަމަ މަރުހަލާ ލައިވް ކުރީމަ މި މައްސަލަ ވަރަށް ސާފުކޮށް ރައްޔިތުންނަށް އޮޅުންފިލީމަ. އެކަމާދެތެރޭ މި ސަރުކާރުން ޖެހުލުންވީ އެހެންވެގެން ސަރުކާރުން ބޭނުންފުޅުވި ކަމަށް އަޅުގަނޑު ގަބޫކުރަނީ ދެން އެއްވެސް މަރުހަލާއެއް ލައިވް ނުކުރަން،" އަދުރޭ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ.

އެ ޝަރީއަތުގެ ހުރިހާ އަޑުއެހުމެއް ޓީވީތަކުން ވަގުތުން ދުރަށް ދެއްކިއެވެ. އަދި އެއީ ރާއްޖޭގައި ޝަރީއަތެއް ލައިވްކޮށް ޓީވީން ދެއްކި ފުރަތަމަ ފަހަރެވެ.

މިރޭގެ ޖަލްސާގައި އަދުރޭ އިތުރަށް ވިދާޅުވީ، މި ސަރުކާރުން ރާވައިގެން ރައީސް ޔާމީނަށް ގަސްތުގައި އަނިޔާ ކުރަމުންދާ ކަމަށާއި އެވާހަކަ ދައްކަމުންދާތީ ސަރުކާރުން އެކި ބަޔާންތައް ނެރުނަސް އެމަނިކުފާނަށް ކުރާ އަނިޔާގެ ވާހަކަ ދައްކާނެ ކަމަށެވެ.