"ލާމަސީލު ޒުވާނާ" ޕްރޮގްރާމުގައި 81 ޒުވާނުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުހުން ބުނީ މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށެވެ. އެގޮތުން ލާމަސީލު ޒުވާނާ ކޭމްޕުގައި 49 ފިރިހެން ބައިވެރިންނާއި 32 އަންހެން ބައިވެރިން ބައިވެރި ވެފައިވާ ކަމަށެވެ.
ދ. ވާނީގައި މިިިިިިިިިިިިިިިި މަހުގެ 12 އަދި 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ކޭމްޕުގައި ބައިވެރިންގެ އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތާއި، އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނު ދީފައިވާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި އާންމު ދިރިއުޅުމާއި މުޖުތަމައުގައި އުޅޭއިރު އަމަލު ކުރަންޖެހޭ ގޮތްތަކާއި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލީޑަޝިޕުގެ ބައިތައް އުނގަންނައިދީފައި ވާނެ ކަމަށް ފުލުހުން ބުނެ އެވެ.
މީގެއިތުރުން ދީނީ ކަންތައްތަކަށް ފަރުވާތެރިވެ ސަމާލުކަންދިނުމާއި ހޭލުންތެރިކަން އިތުރުކޮށް އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުކުރުމަށް ކުރެވޭނެ ކަންކަން ދަސްކޮށްދީފައިވާއިރު ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ކުރިއަށްދާނެ ގޮތްތައް ދަސްކޮށްދީފައިވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ވާނީގައި ބޭއްވި "ލާމަސީލު ޒުވާނާ" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މިރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި ޔޫތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ބެލެނިވެރިން ބައިވެރިވެފައިވެއެވެ.