ޚަބަރު

ޕީޕީއެމްގެ ޕްރައިމަރީގައި 1146 ކެންޑިޑޭޓުން، ޕްރައިމަރީ 51 ރަށެއްގައި

އަހުމަދު ވަޖީފު

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަން އެޕާޓީގެ ޓިކެޓު ހޯދުމަށް 1146 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށާއި 51 ރަށެއްގައި ޕްރައިމަރީ ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕްރައިމަރީއާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސްޓިއަރިން ކޮމިޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް ޖުމްލަ 1146 މީހުންގެ ފޯމު، އެޕާޓީގެ އޮފީހަށް ލިބިފައިވާ ކަމަށެވެ.

އެޕާޓީގެ ޕްރައިމަރީ 51 ރަށުގައި ކުރިއަށްދާނެ ކަމަށާއި އެގޮތުން 14 އަތޮޅާއި ހަތަރު ސިޓީގައި ވެސް ޕްރައިމަރީ ކުރިއަށް ގެންދާނެ ކަމަށް މުއާޒް ވިދާޅުވިއެވެ. އަދި އިންތިހާބާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި ޖުމްލަ 256 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ އެންމެ ގިނައިން ހުށަހަޅާފައިވާ ޝަކުވާއަކީ ޕީޕީއެމްގެ މެމްބަރުންނަށް ނޭނގި ޕާޓީން ވަކިވެފައިވާ ޝަކުވާއާއި އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވުމުގެ ސަކުވާ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާފައިވާ ފޯމުތައް އެ ޕާޓީގެ ގާނޫނީ ޓީމުން ރިވިއު ކުރަމުންދާ ކަމަށާއި ގާނޫނީ ގޮތުން ބާތިލު ކުރަންޖެހޭ ފޯމުތައް ބާތިލު ކުރާނެކަމަށް ވެސް މުއާޒު ވިދާޅުވިއެވެ. އަދި ބާތިލު ކުރަން ޖެހުނު ސަބަބު އެ ކެންޑިޑޭޓަކަށް ސިޓީއަކުން ނުވަތަ އެސްއެމްއެސް އަކުން އަންގާނެކަން ވެސް މުއާޒުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން އަންނަ ބުދަ ދުވަހުގެ ހެނދުނު 10:30 އިން ރޭގަނޑު 10:30 އަށް އެ ޕާޓީގެ އޮފީހުގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ. ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބު ގުރުއަތު ނަގާއިރު ފޮނުވައިދިނުމަށް ޕީޕީއެމުން އެދެއެވެ. ފޮށި ކައިރީ ތިބޭ މަންދޫބުންގެ މައުލޫމާތު އެ ޕާޓީގެ ހޮޓްލައިން ނަމްބަރު (7936268) އަށް އެސްއެމްއެސް ނުވަތަ ވައިބާ ކުރެވޭނެ ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.