ޚަބަރު

ޖަލު ބަލަހައްޓަން 60 ޕްރިޒަން އޮފިސަރުން ހޯދަން އިއުލާން ކޮށްފި

އިބްރާހިމް ޒަކީ

4

ޖަލު ބެލެހެއްޓުމަށް 60 ޕްރިޒަން އޮފިސަރުން ހޯދުމަށް ކަރެކްޝަނަލް ސަރވިސް އިން އިއުލާން ކޮށްފިއެވެ.

ޖަލު ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ޕްރިޒަން އޮފިސަރުން ހޯދުމަށް އިއުލާން ކޮށްފައި މިވަނީ، ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒްންސް އަބްދުﷲ މުނާޒް މިދިޔަ އާދިއްތަ ދުވަހު އެ މަގާމުން ވަކި ކުރައްވައި، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައި އޭރު ހުންނެވި، އަހުމަދު މުހައްމަދުފުޅު އެ މަގާމަށް ހަމަޖައްސާފައި ވަނިކޮށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގައިވާ ގޮތަށް އެމީހުން މަސައްކަތް ކުރަން ޖެހޭނީ، ފިރިހެން ގައިދީންނާއި، ބަންދު މީހުން ބަންދުކޮށްފައި ތިބޭ ޖަލުތަކުގައި ކަމަށެވެ.

އެމަގާމަށް ކަނޑައަޅާފައިވާ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ، ސާނަވީ އިމްތިހާނަކުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައި ވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި އަދި 'އިސްލާމް' އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަ، ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ، ނުވަތަ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދު އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައި ވުމެވެ. އަދި މީލާދީ ގޮތުން 18 އަހަރު ފުރި، 30 އަހަރު ނުވާ މީހަކު ކަމުގައިވުމާއި އަންނަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް 30 އަހަރު ނުފުރޭ، ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި، އެއްވެސް އިރެއްގައި ކުށުގެ ރެކޯޑެއް އޮތް ފަރާތެއް ކަމުގައި ނުވުން ވެސް ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.

ވަޒީފާއަށް އެދޭ ފޯމު އެ ސާވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، އެތަނުގެ ކައުންޓަރުން ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މި މަގާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު، އަދި ހުށަހަޅަން ޖެހޭ ލިޔެކިއުންތަކާ އެކު އަންނަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެ 2:00 އަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމށެވެ.

ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި، ޝަރުތު ހަމަނުވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބާތިލު ކުރެވޭނެ ކަމަށް ވެސް އެ ސާވިސަސްއިން ބުނެފައި ވެއެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް ވެސް ބުނެފައިވެއެވެ.

ކަރެކްޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މަގާމަށް ހޮވޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތަކާ އެކު ޖުމުލަ 15000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟