ދުނިޔޭގައި އެންމެ ގިނައިން ވަރިކުރުމުގެ ރެކޯޑު ރާއްޖޭގައި އޮތް އިރު، ވަރީގެ ނިސްބަތް އަދިވެސް ދައްކަނީ މައްޗަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ ގޮތުން 2018 ވަނަ އަހަރަށް ވުރެ 2019 ވަނަ އަހަރުގެ ވަރީގެ ނިސްބަތް ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، (ޑީޖޭއޭ) މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން އެނގެ އެވެ.
2018 ވަނަ އަހަރަށް ވުރެ 2019 ވަނަ އަހަރު ވަރީގެ އަދަދު %61.6 ޕަސެންޓު އިތުރު ވެފައިވާ ކަމަށް ޑީޖޭއޭ އިން ބުނެއެވެ. އެގޮތުން 2018 ވަނަ އަހަރު ކޮށްފައި ވަނީ 3166 ވަރި ނަމަވެސް މިދިޔަ އަހަރު އެ އަދަދު 5117 އަށް އިތުރުވެފައިވާ ކަމަށް ޑީޖޭއޭއިން ބުނެ އެވެ.
2018 ވަނަ އަހަރު ރާއްޖޭގައި 5290 ކައިވެނި ކޮށްފައިވާއިރު މިއަދަދު 2019ގައި 6509 އަށް އިތުރު ވެފައިވާ ކަމަށް ޑީޖޭއޭ އިން ބުނެއެވެ. އެހެން ކަމުން 2019 ވަނަ އަހަރު ކުރި ކައިވެނީގެ އަދަދުވެސް މި ވަނީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު، 23 ޕަސެންޓު އިތުރު ވެފަ އެވެ.
ކައިވެނީގެ ނިސްބަތުން އަޅާ ބަލާ އިރު ރާއްޖޭގައި ވަރީގެ ނިސްބަތަކީ 10.97 ކަމަށް ވެސް ޑީޖޭއޭއިން ބުނެ އެވެ.