ޚަބަރު

ރައީސް ޔާމީން މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި މާދަމާ ފަށަނީ

އިބްރާހިމް ޒަކީ

6

މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރަން އެމަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށާނެ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުން ތާވަލު ކޮށްފައި ވަނީ މާދަމާ 11:15 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުރުމުގެ ކުށް ސާބިތުވާ ކަމަށް ނިންމައި، ފަސް އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އެފައިސާ ހަ މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށަން ތާވަލު ކޮށްފައި ވާއިރު، ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްދިނުމަށް ވެސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ހުށަހަޅައިފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކުގައި އޮތް ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް، ފަހުން އެފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި 36 މަސް ވަންދެން އިންވެސްޓްކޮށްފައި ފައިދާ ހޯދާފައިވާ މައްސަލައިގައި، އެފައިސާ ދައުލަތަށް ނަގައި ދިނުމުގެ އަމުރަކަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟