އިބްރާހިމް ޒަކީ
ފުލުހުންގެ އެންގުމަށް ފޯނު ނުދެއްވި މައްސަލައިގައި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.
އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ހައްޔަރު ކުރި ބައެއް ސިޔާސީ އިސް ފަރާތްތައް ދޫކޮށްލަން، އަބްދުﷲ ސައީދު އުއްތަަ ފަނޑިޔާރު ކަމުގައި ހުންނަވައިގެން 2018 ވަނަ އަަހަރު ސުޕްރީމް ކޯޓުން ނެރުނު މަޝްހޫރު ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން، ހައްރު ކުރުމަށް ފަހުގައެވެ.
ސުޕްރީމް ކޯޓުގެ ތެރޭގައި ހުންނަވަނިކޮށް، އަބްދުﷲ ސައީދު ހައްޔަރުކޮށް، ފުލުހުން ފޯނުދޭން އެންގުމުން ފޯނު ނުދެއްވި މައްސަލައިގައި، އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން ކުރީ އިންސާފު ގާއިމްކުރަން ހުރަސް އެޅުއްވި ކަމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލު ކަމަށް ހައިކޯޓުން މިއަދު ނިންމީ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު ކުރިއަށް ގެންދިޔަ މަރުހަލާތަކުގައި ގާނޫނާ ހިިލާފު ބައެއް ކަންކަން ކުރިއަށް ގޮސްފައިވާ ކަމަށާއި، އުސޫލާ ހިލާފަށް ބައެއް ކަންކަން ކޮށްފައިވާކަން ހައިކޯޓުން މިއަދު ނިންމި ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ސިއްރު ހެކިބަސް ނަގާފައި ވަނީ ގޯސްކޮށް ކަމަށް ހައިކޯޓުން ވަނީ ފާހަގަ ކޮށްފައެވެ.
ދަށު ކޯޓުން އެ މައްސަލައިގެ ސިއްރު ހެކިބަސް ނެގީ ޖިނާއީ އިޖުރާއާތުގެ ގާނޫނާ ހިލާފަށް ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކެއްގައި ކަންވެސް ފާހަގަ ކޮށްފައިވެއެވެ.
މިހާރު އަމަލުކުރާ ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމުގެ ވާހަކަ ބަޔާން ކޮށްފައި ނެތްކަން ހައިކޯޓުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ސިއްރުން ހެކިބަސް ނަގާ ހާލަތުގައި ސިއްރު ހެކިންގެ އަދުލުވެރިކަން ކަށަވަރު ކުރަން ޖެހޭ ކަމަށް މީގެ ކުރިން ހައިކޯޓުން ކަނޑައަޅާފައި ވާއިރު، އަބްދުﷲ ސައީދާ ދެކޮޅަށް ހުށަހެޅި ސިއްރު ތިން ހެކިންގެ އަދުލުވެރިކަން ދަށު ކޯޓުން ކަށަވަރުކުރި ގޮތް އެނގެން ނެތް ކަން ވެސް ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ފޯނުގައި ހެކި ހުރިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމާއި، އެއީ ކޮން ފޯނެއްކަން އެނގޭނެ، ފޯނާ ބެހޭ އެއްވެސް މައުލޫމާތެއް ހުށަހަޅާފައި ނެތް ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ. އަދި ފޯނެއް ދެވެން ނެތިގެން، ނުވަތަ، ގެއްލިގެން، ނުވަތަ އެ ނޫން ވެސް ސަބަބަކާ ހެދިނަމަވެސް ފޯނު ނުދެވުމަކީ ކުށެއް ކަމަށް ނުބެލެވޭނެ ކަންވެސް ފާހަގަ ކޮށްފައިވެއެވެ.
ހައި ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ، އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލު ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ކަނޑަައަޅާފައިވާއިރު، ގާނޫނުލް އުގޫބާތު ބުނާގޮތުން އިތުރު އަދަބެއްގެ ގޮތުގައި ކޯޓުން ކަނޑައަޅާ ކަމަކީ އަދަބެއްގެ ގޮތުގައި ބެލެވޭނެ ފަދަ ކަމަކަށް ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް އަބްދުﷲ ސައީދުގެ ވަކީލުކަމުގެ ހުއްދަ ބާތިލު ކަމަށް ކަނޑައެޅި ސަބަބެއް ހުކުމުން އެނގެން ނެތް ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުުން މި މައްސަލަ ކުރިއަށް ގެންދިޔައިރު، މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގުތައް އަބްދުﷲ ސައީދަށް ފޯރުކޮށްދިން ކަމަށް ބެލެވެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.
ފެބުރުއަރީ، 2018 ގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ފަހު އަބްދުﷲ ސައީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް އެ މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، ޖަލު ހުކުމް އިއްވި އެވެ.
ނަމަވެސް އެ ދެ ބޭފުޅުންގެ ހުކުމް ވެސް ހައި ކޯޓުން މީގެ ކުރިން ވަނީ ބާތިލުކޮށްފަ އެވެ.