ޚަބަރު

ޑީޖޭއޭ އިން 54 ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމަށް އިއުލާނުކޮށްފި

މަރިޔަމް ޝަހުދާ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، (ޑީޖޭއޭ) އިން 54 ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމަށް އިއުލާނުކޮށްފި އެވެ.

ޑީޖޭއޭ އިން 54 ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމަށް އިއުލާނު ކުރީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.

އެގޮތުން ސިވިލް ކޯޓާއި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން އަތޮޅު ތެރެއިން 52 މެޖިސްޓްރޭޓް ކޯޓަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމަށް ޑީޖޭއޭ އިން ކުރި އިއުލާނުގައި ހިމަނާފައިވެ އެވެ.

ޑީޖޭއޭ އިން ކޯޓުތަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމަށް އިއުލާނު ކޮށްފައިވަނީ އިއްޔެ އެވެ. މި މަގާމުތަކަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުގެ މަގާމުގެ މަސްއޫލިއްޔަތާއި، ޝަރުތު އަދި މުސާރައާއި ގުޅޭ މައުލޫމާތު ގެޒެޓުގައި ޝާއިއު ކޮށްފައިވާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

މި މަގާމުތަކަށް ހުޅުވާލާފައިވަނީ ފެބުރުއަރީ ހަތަރެއްވާ އަންގާރަ ދުވަހުގެ 13:30ގެ ނިޔަލަށެވެ. ސުންގަޑި ހަމަވުމުގެ ކުރިން މަގާމަށް އެދި ހުށަހަޅަން ޖެހޭ ފޯމާއި ލިޔުންތައް ޑީޖޭއޭއަށް ހުށަހެޅުމަށް ޑީޖޭއޭއިން އެދެއެވެ. އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންނަމަ 3340853 ނުވަތަ 3340855 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ވެސް ޑީޖޭއޭ އިން ބުނެއެވެ.