އައިހެވަން މަޝްރޫއު ހުއްޓުވީ އެމްޑީޕީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ރައީސް ޔާމީނުގެ ސަރުކާރުގެ އިކޮނޮމިކް މިނސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ހއ. ވަށަފަރުގައި ރޭ ޕީޕީއެމުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އުތުރު ކަނޑުއޮޅިން ދުވާލެއްގެ މައްޗަށް 49 މިލިއަން ފީފާގެ ތެޔޮ ކޮންމެ ދުވަހަކު އުފުލާ ކަމަށާއި 70 ހާސް އެތައް ބޯޓެއް އެ ތަކެތި އުފުލާ ކަަމަށެވެ.
ސައީދު ވިދާޅުވީ އެ ކަނޑުއޮޅިން އެތައް ޓްރިލިއަން އެމެރިކާ ޑޮލަރު ދަތުރުކުރާ ކަމަށާއި އޭގެން މި ގައުމަށް ނަފާ ހޯދުމަށް ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ އައިހެވަން ޕްރޮޖެޓް ކުރިއަށް ގެންދަން ނިންމާފައި ކަމަށެވެ.
ނަމަވެސް އެ ޕްރޮޖެކްޓް ހުއްޓުވީ ސިދާ އެމްޑީޕީން ކަމަށް ސައީދު ވިދާޅުވި އެވެ. އެ ޕްރޮޖެކްޓް މިސަރުކާރަށް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އައިހެވަން ޕްރޮޖެކްޓް ފަށައިފި ނަމަ ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ އެތައް ގުނައެއް އިތުރު ވެގެން ދާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ރާއްޖޭގައި ހިންގަން ޖެހޭ ޕްރޮޖެކްޓް އެނގޭނީ ދިވެހިންނަށް ކަމަށާއި ރާއްޖެ ކުރިއަރައިގެން ނުދަނީ ކަނޑުކޮސް ވެރިން ހޮވިގެން ކަމަށެވެ. އަދި މި ރާއްޖެއަށް ހައްގުވާ މިންވަރު ހޯދުމަށް ފަސް އަަހަރުގެ ދެ ޓާމު ބޭނުންވާ ކަމަށާއި އެ އެކަން ކުރެވޭނެ ވެރިޔަކީ ރައީސް އަބްދުﷲ ޔާމިން ކަމަށެވެ.