ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން މުހިންމުކަން ދޭންވީ ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލަތަކާ އެއްގޮތަށް މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް މިއަދު ކަސްޓަސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮއްދެއްވައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ މޯލްޑިވްސް ކަސްޓަމުން އަދާކުރަމުން އަންނަ ބޯޑާ ރޯލަކީ ވަރަށް މުހިންމު ރޯލެއް ކަމަށެވެ. އަދި ސަރުކާރުގެ ޒީރޯ ޓްލަރެންސް ސިޔާސަތުގެ ދަށުން އެންމެ މުހިންމުކަމެއް ދޭން ވާނީ ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކާ އެތްގޮތްވާ ގޮތުގެ މަތިން ޒިންމާތަކައި މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މުހައްމަދު މާނިއު ވިދާޅުވީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާއަކީ ދިވެހިރާއްޖޭގެ ކަސްޓަމަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރޮކޮށްދޭ ޖަމިއްޔާއެއް ކަމަށެވެ. އެގޮތުން ހިންގޭ ސަރަހައްދީ ތަމްރީނުތަކުގައި ބައިވެރިވުމަށް ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ފުރުސަތު ތަކެއް ދީފައިވާ ކަމަށް މާނިއު ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަސް ފާހަގުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ ޝިޔާރުކަމަށްވާ "ކަސްޓަމްސް ފޯސްޓަރިން ސަސްޓެއިނަބިލިޓީ ފޮ ޕީޕަލް ޕްރޮސްޕާރިޓީ އެންޑް ދަ ޕްލެނެޓް" ގެ ދަށުން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ 19 އޮފިސަރަކަށް ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ މެރިޓް ސެޓްފިކެޓް ދީފައެވެ. މި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.