ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިއްޖެނަމަ، ބަލި ޖެހިފައިވާ މީހުން އެކަހެރިކުރާ ރަށެއްގެ ގޮތުގައި މާލެ ކައިރީ އޮންނަ ތެޔޮ ރައްކާކުރާ ރަށް، ފުނަދޫ ހަދަން ސަރުކާރުން ނިންމައިފިއެވެ.
ހެލްތް މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ފެތުރެމުންދާ ބައްޔަކީ ނުރައްކާތެރި އަދި ފަސޭހައިން ފެތުރޭ ބައްޔެއް ކަމުން އެ ބަލި ރާއްޖޭގައި ފެތުރި ފުޅާވެއްޖެނަމަ އަޅާނެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިހާރު ވެސް އެ ބަލި ޖެހިފައިވާ މީހުން އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ވަސީލަތްތަކާއެކު ހުޅުމާލޭގައި ތަނެއް ގާއިމުކޮށްފައިވާއިރު، ވައިރަސް އިތުރަށް ފުޅާވެއްޖެނަމަ ބަލި ޖެހިފައިވާ މީހުން ފުނަދޫގައި އެކަހެރިކޮށް ފަރުވާ ދިނުމަށް، އެރަށުގައި ހުރި ޖާގަތައް ބޭނުން ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮރޯނާވައިރަސް ދެނެގަތުމަށް ސްކްރީން ކުރަމުންދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އަދި އެ ބަޔަށް ތުހުމަތު ކުރެވޭ މީހަކު ފެނިއްޖެނަމަ، ޑަބްލިޔުއެޗްއޯއާ ގުޅިގެން އެ ޓެސްޓުތައްކޮށް، ނަތީޖާ އަވަހަށް ގެނެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.