ރާއްޖެއިން ވައިރަސްގެ އަލާމާތެއް ހުރި މީހަކު އަދި އެބައްޔަށް ޝައްކު ކުރެވޭ މީހަކު އަދި ނުފެންނަ ކަމަށާއި އެހެންކަމުން އެބައްޔާ ގުޅިގެން ހާސްވާންޖެހޭ ހާލަތެއް އަދި ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރާއްޖެއިން ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ސްކްރީން ކުރުން ހަރުދަނާކުރާ ވަރަކަށް މީހުންނާ ސުވާލު ކުރުން އިތުރުވާނެ ކަމަށެވެ. އަދި ސުވާލުކުރާ ކޮންމެ މީހަކީ ބައްޔަށް ތުހުމަތު ކުރެވިގެން ސުވާލުކުރާ މީހެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެގޮތުން ކޮރޯނާވައިރަސް ދެނެގަތުމަށް އެއާޕޯޓްގައި ހަރުކޮށްފައި ހުރި ކެމެރާތަކުން ދެނެގަންނާނީ މީހެއްގެ ހަށިގަނޑުގެ ފިނިހޫނުމިން ކަމަށާއި އެއަށް ބެލުމަށްފަހު ކުރަންޖެހޭ ސުވާލުތައް ފުރަތަމަ ކުރާނެ ކަމަށާއި އެއަށްފަހު ފުރަތަމަ ތަހުގީގުގެ ތެރެއިން ބައްޔަށް ތުހުމަތުކޮށް އެމީހާ ކުރަންޖެހޭ ސުވާލުތަކާއި ހަދަންޖެހޭ ޓެސްޓުތައް ހަދަން ޖެހޭނެތޯ ބަލާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ރައްޔިތުންނަށް ދަންނަވަން އޮތީ މިވަގުތު އަދި ޕެނިކް ވާންޖެހޭ ހާލަތަކު ނޫނޭ އޮތީ. އެކަމަކު މި ބައްޔަކީ ވަރަށް ނުރައްކާތެރި ބައްޔަކަށް ވެފައި ހަލުވިކޮށް ފެތުރޭ ބައްޔެއްވީމަ މިއިން ރައްކާތެރިވުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ މަސައްކަތް ކުރަމުން މިދަނީ،" އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދަޅުވީ، އެ ވައިރަސްގެ އަލާމާތެއް ހުރި މީހަކު ދެނެގަތުމަށް އަމަލުކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ގައިޑްލައިންތަކާއި އެހެން ގައުމުތަކުން ވެސް ގެންގުޅޭ ގޮތް އުސޫލެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. އެގޮތުން އެ ބަލީގެ އަސާސީ އަލާމާތްތަކުގެ ތެރޭގައި ފެންނަނީ ކެއްސާއި ކިނބިހި އެޅުންފަދަ އާންމު ރޯގާގެ އަލާމާތްތަކެއް ކަމުން އެ އަލާމާތްތައް ބަލައިގެން ސްކްރީން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން އެ ބައްޔަށް ތުހުމަތު ކުރެވޭ މީހަކު ފެނިއްޖެ ނަމަވެސް ޑަބްލިޔުއެޗްއޯ މެދުވެރިކޮށް، ޓެސްޓު ކުރެވޭނެ ލެބޯޓަރީތަކަށް ފޮނުވައިގެން އަވަހަށް ނަތީޖާ ލިބޭނެ އިންތިޒާމުތައް ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ރާއްޖެއަށް ވައިރަސް ފެތުރިގެން ހިނގައްޖެނަމަ ހޯދަންޖެހޭ ވަސީލަތްތަކާއި ފަންނީ މީހުން ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުގެ ތެރެއިން ކުރަމުން އަންނަ ކަމަށެވެ. އަދި ކޮރޯނާވައިރަސްގެ ނުރައްކާތެރިކަމާއި ފެތުރެމުންދާ ހަލުވިކަމުގެ މައްޗަށް ބަލައި ރާއްޖޭގައި ވެސް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.