ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

އުމުރަށް ބެލުމެއްނެތި މޮޅެތި ކުޅުންތެރިންނަށް ޓީމުން ފުރުސަތުދޭނަން: ގައުމީ ކޯޗު

ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުންތެރިން ނަގާ އިރު، ކުޅުންތެރިންގެ އުމުރަށް ނުބަލާނެ ކަމަށާއި އެއީ މޮޅު ކުޅުންތެރިއެއް ނަމަ ޓީމުން ފުރުސަތުދޭނެ ކަމަށް ގައުމީ ޓީމާ އަލަށް ހަވާލުވި ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފިއެވެ.

އެފްއޭއެމް ހައުސްގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު މާޓިން އެހެން ބުނެފައިވާ އިރު، ކުރިން ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ޕީޓާ ސެގަޓް ވަނީ އުމުރުން ދޮށި ކަމަށް ބުނެ ބައެއް މުހިންމު ކުޅުންތެރިން ސްކޮޑުން ބާކީކޮށްފައެވެ.

"ކުޅުންތެރިން ނަގާ އިރު، ކުޅުންތެރިންގެ އުމުރަކަށް އަހަރެން ނުބަލާނަން. 16، 33، 34 އަހަރު ވިޔަސް އެ ކުޅުންތެރިޔަކީ މޮޅު ކުޅުންތެރިޔަކަށްވާ ނަމަ، އަހަރެންނަށް އުމުރަކީ މައްސަލައެއް ނޫން،" މާޓިން ބުންޏެވެ.

މާޓިން ބުނީ ކުޅުންތެރިންގެ ޑިވެލޮޕްމަންޓަށް މަސައްކަތްކުރަން ޖެހޭނީ ކްލަބުތަކުން ކަމަށާއި ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކުރުމަކީ ކްލަބުތަކުގެ ކޯޗުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"އެއީ ކްލަބުތަކުގެ ކޯޗުންގެ މަސްއޫލިއްޔަތެއް. އަހަރެމެން ގައުމީ ޓީމަށް ނަގާނީ އޭގެ ތެރެއިން އެންމެ ރަނގަޅު ކުޅުންތެރިން،" އޭނާ ބުންޏެވެ.

މާޓިން އިތުރަށް ބުނީ އޭނާ އިސްކަންދޭނީ ޕޮޒެޝަން ފުޓުބޯޅައަށް ކަމަށާއި އެޓޭކުކޮށް ނުރައްކާކުރުމަށް ޓީމު ބައްޓަންކުރާނެ ކަމަށެވެ. އަދި ހުރިހާ އެންމެންގެ ވާހަކަތައް އަޑުއެހުމަށްފަހު ނިންމުންތައް ނިންމާނީ ޓީމަށް އެންމެ ފައިދާވާނެ ގޮތަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ގައުމީ ކޯޗަކަށް މާޓިން ކޫޕްމަން ހަމަޖައްސާފައިވާ އިރު، އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ، ރެނޭ ހިޑިންކެވެ.