ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ދިމާކޮށް ކުޑަކުދިންނަށް ތައުލީމާއި މަސައްކަތް އުނގަންނައިދިނުމުގެ މަރުކަޒު އެޅުމަށް ދޫކުރެވިފައިވާ ބިމާއި އަލަށް ހިއްކާ ސަރަހައްދު ބިމާ ގުޅޭ ގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް މާފުށި ކައުންސިލުން ބުނެފިއެވެ.
ކ. މާފުށި ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ ބިމާއި މާފުށިން އަލަށް ހިއްކާ ސަރަހައްދުގެ ބިމުން ގޯތި ދިނުމަށް ނިންމާފައިވާ ނިންމުން ބާތިލުކޮށް، ވިޔަފާރިވެރިންނަށް އެ ބިންތައް ދިނުމަށް ނިންމާފައިވާ ކަމަށް ބުނެ، ފަތުރަމުންދާ ހަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށެވެ.
މިފަދަ ދަނޑިވަޅެއްގައި ބަޔަކު ނާޖާއިޒު ފައިދާ ނެގުމުގެ ނިޔަތުގައާއި މާފުށީ ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ދަރަޖައަށް، މާފުށީ ކައުންސިލުގެ އިދާރާ ބަދުނާމުވާ ގޮތަށް އަޑުފަތުރަމުންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން އެ ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ.
މާފުށި ކައުންސިލުން ބުނީ އެ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށާއި އެގޮތުން ތައުލީމާއި މަސައްކަތް ދަސްކޮށްދޭ ކުޑަކުދިންގެ މަރުކަޒުގެ ބިމުން ރައްޔިތުން ނިންމާފައިވާ ނިންމުން ބާތިލުކޮށްފައި ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ވިންދާ އެއްގޮތަށް އެ ބިންތަކުން ރައްޔިތުން ވެސް އަދި އެ ކައުންސިލުން ނިންމާފައިވާ ގޯތި ދިނުމުގެ ކަންކަން ކުރާނެކަމުގެ ޔަގީންކަން ވެސް މާފުށި ކައުންސިލުން ދިނެވެ.
އޭގެ އިތުރުން މާފުށިން އަލަށް ހިއްކާ ބިމަކީ ސަރުކާރުން މާފުށި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މާތް މަގުސަދުގައި ހިއްކާ ބިމެއް ކަމަށާއި އެ މަގުސަދު ހާސިލުކުރުމަށްޓަކައި ސަރުކާރާ ގުޅިގެން އެ ބިމުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކުރުމުގެ ވިސްނުން ނެތް ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
މާފުށި ކައުންސިލުން އިތުރަށް ބުނީ ރައްޔިތުން އެދޭގޮތަށް އެ ބިންތަކުން ގޯތި ދިނުމަށް އެ ކައުންސިލުން މަސައްކަތްކުރާނެ ކަމަށާއި އޭގެ އިތުރުން ވިޔަފާރިވެރިންނަށް ވިޔަފާރިކުރުމަށް އެ ބިން ދިނުމަކީ އެ ކައުންސިލުން ގެންގުޅޭ ވިސްނުމެއް ނޫން ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މީސްމީޑިއާގައާއި އެހެނިހެން ގޮތްގޮތުން ދޮގު ހަބަރު ނުފެތުރުމަށް ވެސް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.