މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއެއް ހިންގަން މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
"މާލެ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓު"ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮޖެކްޓަކީ 462 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާލޭގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެން ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މާލޭ ސިޓީގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޝިފާ މުހައްމަދެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، އެ ޕްރޮޖެކްޓުގެ ދަށުން ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ފަސޭހަވާނެ ގޮތަކަށް މާލޭގެ މަގުތަކަށް ބަދަލު ގެނައުމާއި މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލު ގެނައުމުގެ އިތުރުން އާންމު ދަތުރުފަތުރުގެ ނިޒާމަކާއި ޕާކު ކުރުމުގެ ދަތިތަކަށް ހައްލު ގެނެވޭނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރު ޝިފާ ވިދާޅުވީ، މިއަދަކީ މާލޭގައި އުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ދުވަހެއް ކަމަށެވެ. އަދި މަޝްރޫއު ނިމުމުން ގިނަ ބައެއްގެ ޝަކުވާތަކަށް ނިމުމެއް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 50.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އެންމެ ފުރަތަމަ މަސައްކަތް ފަށާނީ ކުރީގެ ވެސްޓް ޕާކް ރެސްޓޯރަންޓް ހުރި ސަރަަހައްދުން ކަމަށް މޭޔަރު ވިދާޅުވިއެވެ.
މާލޭގެ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި މާލޭ ރައްޔިތުންނާ ވެސް މަޝްވަރާކުރުމަށްފަހު އެކުލަވާލާފައިވާ އެ މަޝްރޫއުގެ ދަށުން އިސްކަންދޭނީ އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ މަގުތަކަށެވެ. އަދި މަގުތައް ތަރައްގީ ކުރުމަށް ރާވާފައިވަނީ ފަސް ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
އެއީ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑަރީ ރޯޑްސް އަދި ނެއިބަހުޑް ސްޓްރީޓްސްގެ އިތުރުން ޕެޑެސްޓްރިއަން ސްޓްރީޓްސްއެވެ. އެގޮތުން މަޝްރޫއު ނިމޭއިރު އެކި ސަރަހައްދުތަކުން 416 މަގެއް ހަދާނެއެވެ. އެއީ 18 ކިލޯ މީޓަރުގެ މަގުތަކެވެ.
މޭޔަރު ވިދާޅުވީ، މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް ނިމޭއިރު ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތްތައްވެސް ލިބޭނެ ގޮތަކަށް ވެސް ބަލާފައިވާނެ ކަމަށެވެ. އޭގެ އިތުރުން ޕާކު ކުރާނެ ޖާގަ ހެދުމަށް 21 ތަނެއް ދެނެގަނެވި، އެތަންތަން ތަރައްގީ ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.