މެލޭސިއާގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެގައުމުގައި އުޅޭ ދިވެހިން ރަޖިސްޓަރީވުމަށް ކުއަލަލަންޕޫރުގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފިއެވެ.
މެލޭސިއާގެ ކުއަލަލަމްޕޫރުގައި ހުންނަ ދިވެހި އެންބަސީން ބުނީ ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިފައިވާ ހަތަރު މީހަކު މެލޭޝިއާއިން ފެނިފައިވާކަން އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މެލޭޝިއާގައި އެ ވަރައިސް ފެތުރެމުންދާ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވާނީ އެގައުމުގައި އުޅޭ ދިވެހި ރައްޔިތުންގެ މައުލޫމާތު އެނގިގެން ކަމަށާއި އެމްބަސީގައި ރަޖިސްޓަރީ ވެފައިނުވާ ފަރާތްތަކުން އެމްބަސީގެ އެމަޖެންސީ ނަމްބަރު (7895 2655 601+)އަށް ގުޅައި ރަޖިސްޓަރީވުމަށާއި އޮންލައިނުކޮށް ފޯމު ފުރައިގެން ރަޖިސްޓަރީވުމަށް އެދޭ ކަމަށް އެމްބަސީން ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކޮށް އެ ވައިރަސް މިހާރު ފެތުރެން ފަށާފައިވާ އިރު، އާންމުކޮށް ދިވެހިން ދަތުރު ކުރާ ގައުމުތަކަށްވެސް އެ ވައިރަސް މިހާރު ވަނީ ފެތުރެން ފަށައިފައެވެ. އެގޮތުން ތައިލެންޑު، އޮސްޓްރޭލިއާ، މެލޭޝިއާ، ސިންގަޕޫރު އަދި ނޭޕާލުން ވެސް އެ ވައިރަސް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ލަންކާ އިން ވެސް ވަނީ އެ ވައިރަސްއަށް ޝައްކުކުރެވޭ ދެ މީހަކު ފެނިފައެވެ.
ހުރިހާ ގައުމުތަކުން ވެސް މިހާރު ވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަން ފަށައިފައެވެ. ރާއްޖެއިން ވެސް ވަނީ އެކަމަށް ތައްޔާރުވެފައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. އެގޮތުން ބައިނަލްއަގުވާމީ ވައިގެ ބަނދަރުގައި ތާމަލް ކެމެރާ ބޭނުންކޮށް އެތެރެވާ މީހުންގެ ހާލަތު ބެލުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މީގެ އިތުރުން ކަރަންޓީން ފެސިލިޓީ ވެސް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.