ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަދި އެސިސްޓަންޓް ކޯޗަކަށް މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ، ރެނޭ ހިޑިންކް ހަމަޖައްސައިފިއެވެ.
މިހާރު އެފްއޭއެމް ހައުސްގައި ކުރިއަށްގެންދާ ރަސްމިއްޔާތުގައި ކޫޕްމަން އާއި ރެނޭ ހިޑިންކް ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
ރާއްޖޭގެ ގައުމީ ކޯޗަކަށް ހަމަޖެއްސި ކޫޕްމަންއަކީ މީގެ ކުރިން ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމުގައި ހުރި ކޯޗެކެވެ. އޭގެ އިތުރުން އޭނާ ވަނީ ސައުދީގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އެގައުމުގެ މަޝްހޫރު ކްލަބު އަލް ނަސްރުގެ ކޯޗުކަމުގެ މަގާމު އަދާކޮށްފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ގައުމީ ކޯޗުކަމުގެ މަގާމުން ޕީޓާ ސެގަޓް ދުރުކުރުމަށްފަހު މިއަދާ ހަމައަށް އެ މަގާމު އޮތީ ހުސްކޮށެވެ. ސެގަޓް މަގާމުން ދުރުކޮށްފައިވަނީ މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހުއެވެ.
މާޗް 2018ގައި ރާއްޖޭގެ ކޯޗުކަމާ ހަވާލުވިފަހުން ސެގަޓަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ މިދިޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. އެއީ ރާއްޖެއިން ކާމިޔާބުކުރި ދެވަނަ ސާފް ޗެމްޕިއަންޝިޕެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރީ 2008 ގައެވެ.