ޅ. ނައިފަރުގައި 100 ހައުސިންގް ޔުނިޓު އެޅުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވަލޮޕްމަންޓުން ރަޝީދު ކާޕެންޓްރީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަދު ހައުސިންގް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ހައުސިންގް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާލިސް ޝަރީފު އެވެ. ރަޝީދު ކާޕެންޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހީމް ރަޝީދު އެވެ.
ރަޝީދު ކާޕެންޓްރީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 330 ދުވަހުގެ ތެރޭ ނިންމުމަށެވެ. މަޝްރޫއަށް ހަރަދުވާނީ ޖުމުލަ 72،274،661.71 (ހަތްދިހަ ދެމިލިއަން ދެ ލައްކަ ހަތްދިހަ ހަތަރު ހާސް ހަ ސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ހަތްދިހަ އެއް ލާރި) ދިވެހި ރުފިޔާ ކަމަށް ހައުސިންސް މިނިސްޓްރީން ބުނެއެވެ.
މި ހައުސިންގް މަޝްރޫއުގެ ދަށުން ކޮންމެ ހައުސިންގް ޔުނިޓެއްގައި ތިން ބުރީގެ ތިން ބްލޮކާއި ހަތަރު ބުރީގެ އެއް ބްލޮކް ހެދުމަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ތިން ބުރީގެ ބްލޮކުގައި 24 އެޕާޓްމަންޓް ހިމެނޭ ކަމަށާއި ހަތަރު ބުރީގެ ބްލޮކުގައި ހިމެނޭނީ 28 އެޕާޓްމަންޓް ޔުނިޓު ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ކޮންމެ ޔުނިޓެއްގައި ފާހަނައާ އެކު ތިން ކޮޓަރި، އެއް ސިޓިންގް ރޫމު އަދި އެއް ސްޓޯރޭޖް އޭރިއާ ހިމެނޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.
ނައިފަރުގައި 100 ހައުސިންގް ޔުނިޓު އެޅުމުގެ މި މަސައްކަތަކީ ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެއް ކަމަށް ވެސް ހައުސިންގް މިނިސްޓްރީން ބުނެއެވެ.