މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ނަން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ލިޔުއްވި އިރު، އެ ނަންފުޅުން ރައީސް ކަނޑުއްވައިލެއްވީ ކީއްވެތޯ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސުވާލު ކުރައްވައިފިއެވެ.
ރައީސް ޔާމީނަށް ޖަލުގައި ނިކަމެތިކޮށް ކަންތައް ކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކާ ގުޅިގެން ހޯމް މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓް ރީ ޓްވީޓް ކުރައްވައި އެއަށް ޖަވާބު ދެއްވަމުން ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިމްރާން ކުރެއްވި ޓުވީޓްގައި ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް ނަޝީދުގެ ނަންފުޅު ލިޔުއްވި އިރު ރައީސްގެ ގޮތުގައި މުހާތަބު ކުރެއްވުމަށްފަހު، ރައީސް ޔާމީނަށް މުހާތަބު ކުރެއްވުމުގައި ރައީސްގެ ނަންފުޅު ކަނޑުއްވާލައްވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނަކީ، ރާއްޖޭގެ ކުރީގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ކަމަށް ވެސް ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ.ޝަހީމުގެ ޓުވީޓުގައި ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ ބޭއިންސާފުން ކަމަށާއި، އެމަނިކުފާނު މިނިިވަންކުރަން ޖެހޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
"އިމްރާން އެވެ، އެއީ ރާއްޖޭގެ ކުރީގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމެވެ. ދެ ރައީސުންނަށް ރައީސް ލައިފަ، ނަމަވެސް ޔާމީންގެ ނަންފުޅުން ރައީސް ކަނޑައިލީ ކީއްވެ؟ ރައީސް ޔާމީނަށް ހުކުމްކޮށްފަ ވަނީ ބޭއިންސާފުން، އެމަނިކުފާނު މިނިިވަންކުރަން ޖެހޭ،" ޑރ.ޝަހީމު ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީނަށް އަސާސީ ބައެއް ހިދުމަތްތައްވެސް ނުދޭ ކަމަށާއި، އެމަނިކުފާނަށް ޖަލުގައި ނިކަމެތިކޮށް ކަންތައްތައް ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކާ ގުޅިގެން، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މއ.ކާމިނީ ހުޅަނގުގޭ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު، (ރައީސް ޔާމީން) ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ، އެމަނިކުފާނުގެ ވެރިކަމުގައި، ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ރައީސް ނަޝީދު ނުހައްގުން ބަންދު ކޮށްފައި ބެހެއްޓި ތަނުގައި ކަމަށެވެ.
އަދި ރައީސް ޔާމީން އެތަނުގައި ބަހައްޓާފައި ވަނީ، ރައީސް މައުމޫނާއި ރައީސް ނަޝީދު އެތަނުގައި ބަންދުކޮށްފައި ބެހެއްޓި އިރަށްވުރެ ފެންވަރު ރަނގަޅު ކޮށްފައި ކަމަށްވެސް އިމްރާން ވިދާޅުވެފައި ވެއެވެ.
"މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މއ.ކާމިނީ ހުޅަނގުގޭ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު، ހުކުމް ތަންފީޒު ކުރަމުންދަނީ، ކުރީގެ ސަރުކާރުގައި، ރައީސް ނަޝީދު އާއި ރައީސް މައުމޫނު ނުހައްގުން ބަންދުކޮށްފައި ބެހެއްޓިތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގައި،" ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ.