އިބްރާހިމް ޒަކީ
މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް އެއްވެސް ތަފާތު ކުރުމެއްނެތި، ގައިދީނަށް ފޯރު ކޮށްދޭންޖެހޭ ހުރިހާ އިނާޔަތެއް ފޯރުކޮށްދެމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ރައީސް ޔާމީން ޖަލުގައި ހުންނެވީ ވަރަށް ހާލުގައި ކަމަށާއި ބައެއް އަސާސީ ހައްގުތަކުން އެމަނިކުފާނު މަހުރޫމްކޮށް ނުހައްގުން އަނިޔާ ދެމުންދާ ކަމަށް، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން، ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މީޑިއާގައި ފަތުރަމުންދާ އެއްވެސް ކަމަކާ ގުޅޭގޮތުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި އާއިލާގެ ފަރާތުން އެއްވެސްޝަކުވާއެއް އުފުލާފައިނުވާ ކަމަށެވެ.
"ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީންނަށް ކަށަވަރު ކޮށްދެންޖެހޭ އަސާސީ، އިންސާނީ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ، އިނާޔަތްތައް އެ ގައިދީ (ރައީސް ޔާމީން)އާމެދު އެއްވެސް ތަފާތު ކަމެއް ނެތި ފުރިހަމައަށް ފޯރުކޮށްދެމުންދާ ކަމުގައި ދަންނަވަން. މީޑީއާގައި ފެތުރެމުންދާފަދަ އެއްވެސް ކަމަކާގުޅޭ ޝަކުވާއެއްް މިހާތަނަށް، ދެންނެވުނު ގައިދީގެ ފަރާތުން ވިޔަސް، އޭނާގެ ވަކީލުންގެ ފަރާތުުން ވިޔަސް، އަދި އޭނާގެ އާއިލާގެ ފަރާތުން ކަމަށްވިޔަސް އުފުލާފައި ނުވާކަމުގައި ދަންނަވަން،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ހޯމް މިނިސްޓްރީން ބުނީ، މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އިނިސްޕެކްޓަރު އޮފް ކަރެކްޝަން ސާވިސް މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައި ރައީސް ޔާމީނާ ބައްދަލު ކުރައްވައި ހާލު ބައްލަވައި، އެމަނިކުފާނުގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުން ފިލުއްވި ކަމަށެވެ.