ޚަބަރު

ކުއްޖަކަށް ބައްޕަ ޖިންސީ އަނިޔާ ކުރިކަމަށް ކިޔައިދޭ އޯޑިއޯގެ މައްސަލަ ތަހުގީގު ކުރަނީ

1

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކުއްޖަކަށް ބައްޕަގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކަމަށް ކިޔައިދޭ އޯޑިއޯގެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މި މައްސަލަ ބަލަމުން އަންނަކަން ފުލުހުން ކަށަވަރުކޮށްދިން އިރު މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި އޯޑިއޯ ފޭސްބުކްގައި އާންމު ކުރުމާ ގުޅިގެން ފުލުހުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އެގޮތުން އެކި ބާވަތުގެ އަނިޔާ ލިބޭ ކުދިންނާއި ސުވާލު ކުރުމުގައި ހާއްސަ ތަމްރީނު ލިބިފައިވާ މީހުން ނޫން އެހެން މީހުން އެ ކުދިންނާ އެފަދަ ސުވާލު ކުރާނަމަ ކުއްޖާއަށް ނޭދެވޭ އަސަރު ކުރާނެކަން ފުލުހުން ފާހަގަ ކޮށްފައި ވެއެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް ފުލުހުން އާންމުންނަށް އިލްތިމާސް ކުރިއެވެ.

މީގެ އިތުރުން ކުއްޖާގެ އައިޑެންޓިޓީ ހާމަވާ ގޮތަށް ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާ ކުރުމަކީ ކުއްޖާ ދެވަނަ ފަހަރަށް އެފަދަ ކަންކަމުގެ ޝިކާރައަކަށް ވެގެންދާ ކަމެއްކަން ފުލުހުން ފާހަގަ ކުރިއެވެ. އަދި ކުދިންގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟