ޚަބަރު

އެމްޑީޕީއަކީ ބާރު ލިބުނަސް "ނުކުޅެދޭ" ބައެއް: ޑރ. ޖަމީލު

މަރިޔަމް ޝަހުދާ

4

އެމްޑީޕީއަކީ ބާރު ލިބުނަސް "ނުކުޅެދޭ" ބައެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކައުންސިލް އިންތިހާބަކީ ޕީޕީއެމްއާ ބެހޭ ކަމެއް ނޫން ކަމަށް ވިދާޅުވުމުން އެޔަށް ރައްދު ދެއްވަމުންނެވެ. "އެޖެންޑާ 19 ރަށަށް" ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި އައްޑޫ ސިޓީގައި ބޭއްވި ވޯކްޝޮޕްގައި ނަޝީދު މިހެން ވިދާޅުވުމުން އެއަށް ޖަމީލު ރައްދުދެއްވާފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޖަމީލު ވިދާޅުވީ މިހާ ހިސާބަށް އައި އިރު އެމްޑީޕީގެ ބޭފުޅުންނަށް ހާސިލުވީ ދެކަމެއް ކަމަށެވެ. އެއް ކަމަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާއި މެދު ފިޔަވަޅު ނޭޅުން ކަމަށް ޖަމީލު ވިދާޅުވިއެވެ. އަދި ދެވަނަ ކަމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް މައާފު ދިނުމާއި އެމީހުންނަށް ފިޔަވަޅު އަޅަން ނޭނގުން ކަމަށް ޖަމީލު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭނު ފެށިގެން ކުރިޔަށްދާ އިރު، ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީން ބުނަމުން އަންނަނީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ރާއްޖޭގައި އުފަންކުރި އެޕާޓީގެ ފިކުރެއް ކަމަށެވެ. އަދި އެ ފިކުރުގެ ތެރެއިން، އެ ވިސްނުމުގައި ކައުންސިލްތައް އެންމެ އެކަށީގެންވާ ގޮތުގައި ހިންގޭނީ ވެސް އެމްޑީޕީގެ ކައުންސިލަރުންނަށް ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟