ޚަބަރު

ޝިފާގެ ސުވާލު: އެމްޑީޕީ އަނދަވަޅަކަށް ވެއްޓެނީ ކަމަަށް ބުނަނީ، ވޯޓަށް ޕީޕީއެމް މީހުން އެމްޑީޕީއަށް ވެއްދުމުންތޯ؟

އިބްރާހިމް ޒަކީ

10

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް، ގިނަ އަދަދެއްގެ ޕީޕީއެމް މެންބަރުން އެމްޑީޕީއަށް ވައްދާފައި ތިބީމައިތޯ، މާލޭގެ މޭޔަރު ޝިފާ މުހައްމަދު ސުވާލު ކުރައްވައިފިއެވެ.

އެމްޑީޕީ އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ހަބަރު ޓެގް ކުރައްވައި، މިއަދު ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިފަހަރު އެކަން އެގޮތަށް ނުވާނެ ކަމަށާއި، އެމްޑީޕީ ގްރާސް ރޫޓު ނިކުމެ އިންތިހާބުގައި ވޯޓު ލާނެ ކަމަށެވެ. އަދި އެމްޑީޕީއަށް އެހެން ޕާޓީތަކުން ބިސްއަޅަން އުޅޭނެ ކަމެއްް ނެތް ކަމަށް އެ ޕާޓީގެ ލީޑަރު، އަންގަވާފައިވާ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

"އެއީ ގިނަ އަދަދެއްގެ ޕީޕީއެމް މީހުން ވޯޓަށް ވައްދައިފަ ތިބީމާތޯ، އެހެން ނުވާނެ އެމްޑީޕީ ގްރާސް ރޫޓު މިފަހަރު ނުކުމެ ވޯޓު ލާނެ، މި ޕާޓީއަށް އެހެން ޕާޓީތަކުން ބިސްއަޅަން އުޅޭނެ ކަމެއް ނެތް ކަމަށް ޕާޓީ ލީޑަރު ވަނީ އަންގަވައިފަ،" ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ޕްރައިމަރީގައި ވެސް ވާދަ ކުރައްވާ ޝިފާ ވިދާޅުވިއެވެ.

ހޮނިހިރު ވިލޭރޭ ހއ. ބާރަށުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވުން މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ސައީދު ވިދާޅުވީ އެމްޑީޕީ އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށާއި އެހެންކަމުން ދެން އޮންނަ ރިޔާސީ އިންތިހާބެއް އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށެވެ. ސަބަބަކީ އިދިކޮޅު ކޯލިޝަން ތިބީ ދީނާއި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ވާތީ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލާނީ ބޮލަކަށް ޖެހޭ އާމްދަނީ 25،000 ޑޮލަރަށް ހަދާފައި ކަމަށެވެ. ރާއްޖެ އަކީ އިންޑިއާ ކަނޑުގައި އޮތް މުއްސަނދި ގައުމަކަށް ހަދާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ހިނގާ ކަންކަމާ ސަރުކާރު ކޯލިޝަނުން ޒިންމާ ނަގަން ޖެހޭނެ ކަމަށާއި، ރާއްޖޭގެ ކުރިމަގާއި މިނިވަންކަން "ފުނޑާލައިފި" ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖެ އަނބުރާއި ހޯދުމަށް ޕީޕީއެމަށް ބާރު ދޭން ޖެހޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟