ޚަބަރު

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރަނީ

ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށް ނިންމާފައިވާކަން ރައީސް އިއުލާނުކުރެއްވީ ލ. ގަމުގައި އެމްޑީޕީން ކުރިއަށްގެންދިޔަ "އެޖެންޑާ 19 ހައްދުންމަތި ކޮންފަރެންސް" ގައެވެ.

އެ ކޮންފަރެސްގައި ވާހަކަފުޅުދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި އިގުތިސާދީ ހަބެއްގެ ގޮތުގައި ލ. އަތޮޅު ތަރައްގީކުރުމަށްޓަކައި އެންމެ އިސްކަމެއްދީގެން ކުރަން ޖެހޭ މަސައްކަތަކީ ކައްދޫ އެއާޕޯޓު އިތުރަށް ތަރައްގީކުރުން ކަމަށެވެ.

އިގުތިސާދީ ހަބެއްގެ ގޮތުގައި ލ. އަތޮޅު ތަރައްގީކުރަން ސަރުކާރުން ނިންމީ އެ އަތޮޅަކީ ބިން ބޮޑު، ގުދުރަތީ ވަސީލަތްތައް ގިނަ، އެތައް އިގުތިސާދީ މަސައްކަތްތަކެއް ކުރެވޭނެ ސަރަހައްދަކަށްވާތީ ކަމަށާއި ލ. އަތޮޅަކީ މި ސަރުކާރުގެ ތަރައްގީގެ ތަސައްވުރުގައި އެންމެ އަހައްމިޔަތުކަމެއް ދީފައިވާ އެއް ސަރަހައްދު ކަމަށް ރައީސް ވިދާޅުވިއެވެ.